ޓުއަރިޒަމް

ރާއްޖެ އިޝްތިހާރު ކުރުމަށް މަޓާޓޯއިން މިފަހަރު މެދުއިރުމައްޗަށް


މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާރސް (މަޓާޓޯއިން) މެދުއިރުމަތީގެ އައުޓްބައުންޑް ޓްރެވެލް ރޯޑްޝޯގައި ބައިވެރިވެއްޖެއެވެ.

މަޓާޓޯއިން ބުނީ އެ ރޯޑްޝޯގައި މެދުއިރުމަތީގެ ފަތުރުވެރިކަމުގެ މައިގަނޑު ހަތަރު މާކެޓެއްގައި ރާއްޖެ އިޝްތިހާރު ކުރާނެ ކަމަށެވެ. އެއީ ދުބާއީއާ އޮމާނާއި ޤަތަރު އަދި ކުވެއިތެވެ.

މަޓާޓޯއިން މި ރޯޑް ޝޯގައި ބައިވެރިވީ މި މަހުގެ 10ވަނަ ދުވަހުއެވެ. މި ރޯޑް ޝޯ މިއަދު ނިމޭނެއެވެ. މަޓާޓޯއިން ބުނީ މި ރޯޑްޝޯތައް ބާއްވަނީ ސްޕެއަރ ޓްރެވެލް މީޑިއާ އެންޑް އެގްޒިބިޝަނާއި ގުޅިގެންނެވެ.

މަޓާޓޯއިން ބުނީ އައުޓް ބައުންޑް ޓްރެވެލް ރޯޑްޝޯގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ ވާހަކަދެކެވި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

މެދުއިރުމަތިން ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރަމުންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މެދުއިރުމަތި ހިމެނެނީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ 3 މާކެޓްގެ ތެރޭގައެވެ.

މިއީ މަޓާޓޯއިން މެދުއިރުމަތީގައި އައުޓްބައުންޑް ޓްރެވެލް ރޯޑްޝޯއެއް ބާއްވާ 2 ވަނަ އަހަރެވެ. 2018 ވަނަ އަހަރު ބޭއްވި ފުރަތަމަ ރޯޑްޝޯގައި މަޓާޓޯއާއިއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ 8 ކުންފުންޏަކުން ވަނީ ބައިވެރިވެފައެވެ.