ސިޔާސީ

އިންޑިއާ ސަފީރު މިނިސްޓަރު ޝާހިދުގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފި


އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދުގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވެވި މިބައްދަލުވުމުގައި ރާއްޖެއާއި އިންޑިއާ އާ ދެމެދު އޮންނަ ޒަމާންވީ ގާތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އިންޑިއާގެ ސަފީރު ކޮށްދެއްވާފައިވާ މަސައްކަތް ފާހަގަކުރައްވައި، ޚާރިޖީ ވަޒީރު ވަނީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އެގޮތުން ސިޔާސީ، އިޖްތިމާޢީ، އިޤްތިޞާދީ، އަދި ދިފާޢީ ދާއިރާއިން އިންޑިއާ އާއެކު އޮތް ގުޅުންތައް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޚާރިޖީ ވަޒީރުގެ އަރިހުގައި ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުޙައްމަދާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިންޑިއާ ޑިވިޜަންގެ ޑިރެކްޓަރ މަރިޔަމް މިދުފާ ނަޢީމް ބައިވެރިވެވަޑައިގެންނެވިއެވެ.