ޚަބަރު

މަޖިލީހުގެ ޖަލްސާތައް މިމަހު 25 ގައި ފަށަނީ


ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިމަހުގެ 25ވަނަ ދުވަހު ބާއްވަން މަޖިލީހުގެ ރައީސް ނިންމަވައިފިއެވެ.

މިގޮތަށް ނިންމެވީ މަޖިލީހުގެ ޖަލްސާތައް ބާއްވާނެ ދުވަހެއް ކަނޑައެޅުމަށް ސިޔާސީ ޕާޓީތަކުގެ ޕާލިމަންޓްރީ ގްރޫޕްތަކުގެ ލީޑަރުންނާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވާފައިވަނީ މިމަހުގެ ހަތްވަނަ ދުވަހުއެވެ. ނަމަވެސްއޭގެ ފަހުން ޖަލްސާތައް ކުރިއަށް ގެންގޮސްފައެއްނުވެއެވެ.

މިމަހުގެ ފަންސަވީސް ވަނަ ދުވަހުން ފެށިގެން ޖަލްސާތައް ކުރިއަށް ގެންދިއުމަށް ނިންމެވީ، މަޖިލީހުގެ އިދާރާ މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދާތީ އެހާތަނަށް އެމަސައްކަތްތައް ނިންމާލެވޭނެކަމަށް ލަފާކުރެވޭތީކަމަށް މަޖިލީހުގެ އިދާރާއިން މަޢޫލޫމާތުދެއްވައެވެ.

މި ދައުރުގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ހަމަޖެހިފައިވާ ބައެއް ބިލްތަކުގެ ތެރޭގައި ނުޙައްޤުން މުއްސަނދިކަން ހޯދައި ލިބިގަތުމާއި، ކޮރަޕްޝަން ހުއްޓުވުމުގެ ފިޔަވަޅެއްގެ ގޮތުން، ޤާނޫނުލްޢުޤޫބާތަށް އެ ކުށް އިތުރުކުރުމުގެ ބިލާއި، ކޮރަޕްޝަންގެ ޢަމަލުތައް ހާމަކުރާ މީހުން ރައްކައުތެރިކުރުމުގެ ބިލާއި، ދިވެހިރާއްޖޭގެ ޤާނޫނީ ޚިދުމަތުގެ ބިލު ހިމެނެއެވެ. މީގެ އިތުރުން ކުޑަކުދީންގެ ޢަދުލުގެ ބިލްވެސް މިދައުރުގައި މަޖިލީހަށް ހުށަހަޅުއްވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. ޢާނމުގޮތެއްގައި މަޖިލީހުގެ ޖަލްސާތައް ބާއްވަނީ ހޯމަ، އަންގާ އަދި ބުދަ ދުވަހުއެވެ.

މަޖިލީހުގެ ޖަލްސާތައް ތިން ދައުރަކަށް ބަހާލައިގެން ކުރިއަށް ގެންދާއިރު، މަޖިލީހުގެ ޤަވާއިދުގެ 16ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ފުރަތަމަ ދައުރު ހިނގާނީ ފެބުރުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށްކަމަށެވެ. މިއީ މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ދައުރުއެވެ. އަދި އަންނަ އޭޕްރީލް މަހު ބާއްވާ މަޖިލީހުގެ އިންތިޚާބުގައި، އަލަށް އިންތިޚާބުވާ މެންބަރުންނާއެކު ނަވާރަ ވަނަ ރައްޔިތުންގެ މަޖިލިސް ފެށޭނީ ޖޫން މަހުގެ ތެރޭގައެވެ.