ޚަބަރު

އިމާމުވެ ތަރާވީޙް ނަމާދުކުރާނެ ދިވެހި ޙާފިޡުން ހޯދަނީ


މިއަހަރުގެ ރަމަޟާންމަހު މިސްކިތްތަކުގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙް ނަމާދުކުރާނެ ދިވެހި ޙާފިޡުން ހޯދުމަށް އިސްލާމިކް މިނިސްޓްރީން އިޢުލާންކޮށްފިއެވެ.

1440 ވަަނަ އަހަރުގެ ރަމަޞާން މަހު މިސްކިތްތަކުގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދުކުރާނެ ދިވެހި ޙާފިޡުންނަށް އެފުރުޞަތު ހުޅުވާލާފައިވާއިރު މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ކަނޑައެޅިފައިވާ ފޯމް ފުރިހަމަކުރުމަށް ފަހު އަންނަ އެޕްރީލް މަހުގެ 15 ވަނަދުވަހުގެކުރިން މިނިސްޓްރީއަށް ހުށަހަޅަންޖެހޭ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

ރަށު ކައުންސިލްތަކުންނަމަ އެރަށެއްގައިހުންނަ އިސްލާމިކް މިނިސްޓްރީގެ ޔުނިޓަށް ފޯމް ހުށަހެޅުމަށް މިނިސްޓްރީ އެދިވަޑައިގަންނަވައެވެ. މިނިސްޓްރީން ވިދާޅުވީ ދިވެހި ޙާފިޡުންނަށް އެލަވަންސް ދެވޭނީ އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރައްވާ ކޮންމެ ރެޔަކަށް ހަތަރުސަތޭކަ ރުފިޔާއެވެ. މިގޮތުން ގިނަވެގެން ފައިސާ ދެވޭނީ މިސްކިތަކަށް 2 އިމާމުންނަށް ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މީގެއިތުރުން ރަމަޞާންމަހު ތަރާވީޙު ނަމާދުކުރަން ރާއްޖެއިން ބޭރުން ގެނައުމުގެ ޙުއްދައަށް އެދޭ ފަރާތްތަކުން އެކަމަށް ކަނޑައެޅިފައިވާ ފޯމް ފުރިހަމަކުރުމަށްފަހު މިނިސްޓްރީއަށް ހުށަހެޅުމަށްވެސް ވަނީ އަންގަވާފައެވެ.

މިނިސްޓްރީން ބުނީ، ރާއްޖޭގައި މަސައްކަތްކުރާ ރާއްޖޭން ބޭރު ޤައުމު ތަކުގެ ފަރާތްތަކަށް ރާއްޖޭގައި ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރުމުގެ ހުއްދަ ދެވޭނީ ރާއްޖޭގެ ޤުރުއާން ކްލާސްތަކުގައި މަސައްކަތް ކުރާ ޙާފިޡުކަމުގެ ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކަށް ކަމަށެވެ.

އެފަރާތްތަކަށް އެލަވަންސް ފައިސާ ދެވޭނީ ރަމަޟާން މަހުގައި ކުރެވޭ ތަރާވީޙް ނަމާދުގައި އިމާމުކަން ކުރުމަށް ދިވެހިރާއްޖެއިން ބޭރުގެ ފަރާތްތައް ގެނައުމާ ގުޅޭ އުސޫލުގެ 3 ވަނަ ނަންބަރުގެ (ށ) ގައިވާ ގޮތުގެމަތިން އާބާދީގެ ނިސްބަތުންނެވެ. މިގޮތުން ރާއްޖެއިން ބޭރުގެ ޙާފިޡުންނަށް އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރައްވާ ކޮންމެ ރެޔަކަށް ދުއިސައްތަ ރުފިޔާގެ މަގުން ފައިސާގެ އެލަވަންސެއް ދިނުމަށް ހަމެޖެހިފައިވާ ކަމަށް އިސްލާމިކް މިިނިސްޓްރީން ވިދާޅުވެއެވެ.