ޚަބަރު

ކުދިންގެ ޤާބިލުކަން ވަޒަންކުރާނީ ހަމައެކަނި ކަރުދާހަކުން ނޫން - މުސްތަފާ ލުތުފީ


ވަށާޖެހޭ ތަޢުލީމުގެ ސިޔާސަތު ތަންފީޒުކުރާނީ، ޓެސްޓު ކަރުދާހުން ކުދިންގެ ޤާބިލުކަން ކަނޑައެޅުމުގެ ބަދަލުގައި، ކުދިންހެ ޚިޔާލާއެކު އުނގެނުމުގެ ފުރުސަތު ފަހިކޮށްދީގެންކަމަށް، ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑރ.މުސްތަފާ ލުތުފީ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ސަކޫލްތައް އެއްދަންފަޅިއަށް ބަދަލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއިން ކުރިއަށްގެންދިޔަ އޮޑިޓްގެ ތަފްސީލް ޙާމަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑރ.މުސްތަފާ ލުތުފީ ވިދާޅުވީ، މި ސަރުކާރުގެ ވަށާޖެހޭ ތަޢުލީމީ ނިޒާމަކީ ވަކިދާއިރާއެއް އުނިނުކޮށް، ދިރިއުޅުމާ ގުޅުންހުރި ހުރިހާ ކަމެއް ހިމަނައިގެންދޭ ތަޢުލީމަކަށް ހައްދަވާނެކަމަށެވެ.

އެގޮތުން ސްކޫލްތަކުގައި އިތުރު އެހީގެ ނިޒާމު ޤާއިމުކޮށް، އެކިފެންވަރަށް އުނގެނުމުގެ ޤާބިލުކަން ހުރި ކުދިން ދެނެގަނެ، އެފަދަ ދަރިވަރުންނަށް ބޭނުންވާ ޚާއްސަ އެހީވެސް ވަށާޖެހޭ ތަޢުލީމުގެ ނިޒާމުގެތެރެއިން ފުޅާކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

މުސްތަފާ ލުތުފީ ވިދާޅުވީ ސަރުކާރުގެ އަމާޒަކަށްވެފައިވަނީ ކޮންމެ ދަރިވަރަކީވެސް ދިރިއުޅުމުގެ މައިދާނަށް ތައްޔާރުކުރާ ކުއްޖަކަށް ހެދުންކަމަށެވެ. އެގޮތުން މަޢުލޫމާތުދީ، އިމްތިހާން ކަރުދާސް ދީގެން ކުދިންގެ ޤާބިލުކަން ދެނެގަތުން ޕްރޮމޯޓް ކުރުމުގެ ބަދަލުގައި، ކުދިންގެ ޙިޔާލާއި، ހުނަރުތައް ދެނެގަނެ، ކުރިއަށްދިއުމުގައި ކުދިންގެ ހުނަރުތައް ތަރައްޤީކުރުމަށް އިސްކަންދެއްވާނެކަމަށް ޑރ.މުސްޠަފާ ލުޠުފީ ވިދާޅުވިއެވެ.

"ހަމައެކަނި ޓެސްޓެއް ހަދާލުމުން މުހިންމު ބައިތަކެއް އެބަ އުނިވޭ. ބޭޏުންވަނީ ކުދިންގެ ޙިޔާލުތައް ހުށައެޅުމަށް ޖާގަދީ، ކަންކަން ހޯދާ ބަލައި ދިރާސާ ކުރާ ކުދިންތަކެއް އުފެއްދުން." ޑރ މުސްތަފާ ލުތުފީ ވިދާޅުވިއެވެ.

މުސްޠަފާ ލުޠުފީ ވިދާޅުވީ ސަރުކާރުގެ ޢަމާޒަކީ އަންނަން އޮތް ޖީލަށް ބޭނުންވާ އުފެއްދުންތެރި މީހުން ބިނާކުރުމަށްކަމަށެވެ. އެގޮތުން ތަޢުލީމީ ނިޒާމުގެތެރެއިން ގުޅިގެން މަސައްކަތްކުރަން ދަސްކޮށްދިނުމާއި، ރަނގަޅު ގޮތުގައި މުޢާމަލާތް ކުރުމަށް އަހުލުވެރިކުރުމާއި، ކުދިންގެ ވިއްސްނުތެރިކަން ފުޅާކުރުމާއި، ކަންކަމާއި މެދު ކުދިން ތަފާތު ނަޒަރިއްޔާޓުތަކުން ވިސްނާ ފިކުރުކުރުމާއި، އެ ބޭނުންކޮށްގެން މުޖުތަމަޢުއަށް ފައިދާހުރި މަސައްކަތްތައް ކުރުމަށް ބާރު އަޅާނެކަމަށް މުސްތަފާ ލުތުފީ ވިދާޅުވިއެވެ.
ސަރުކާރުގެ ވަށާޖެހޭ ތަޢުލީމުގެ ސިޔާސަތު ތަންފީޒުކުރާނީ، ސްކޫލްތައް ހިންގުމުގެ މިނިވަންކަން ސްކޫލްތަކަށް ވަރަށް ބޮޑަށް ދީގެންކަމަށްވެސް ސަރުކާރުން ބުނެއެވެ.