ވިޔަފާރި

2014 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު %5 ކުރިއެރުމެއް ހޯދާފައިވޭ-


2014 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު ފަހެއް އިންސައްތައިގެ ކުރިއެރުމެއް ހޯދާފައިވާކަމަށް ބައިނަލް އަގްވާމީ މާލީ އިދާރާ  ވ ހާމަކޮށްފިއެވެ.އައިއެމްއެފްއިންވަނީ 2015 ވަނައަހަރު ރާއްޖޭގެ އިގްތިސާދު ރަނގަޅުކުރުމުގެ ގޮތުން ބަޖެޓްގައި ކަނޑައަޅާފައިވާ ކަންކަމަށް މަރުހަބާ ކިޔާފައެވެ.މާލީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށާއި 2015 ވަނަ އަހަރުގެ ބަޖެޓުގައި ހުށަހަޅާފައިވާ ކަންކަމަށް ބައިނަލް އަގްވާމީ މާލީ އިދާރާއިން ތައުރީފްކޮށް ބުނެފައިވަނީ ޓޫރިޒަމަށް ބަރޯސާވެފައި އޮތް އިގްތިސާދު ފުޅާކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ކަންކަންކަމަކީ މިއަހަރު ރާއްޖޭގެ އިގްތިސާދު އިތުރު ހަރުފަތަކަށް ގެންދިމަށް ބާރު އަޅާނެކަމެއްކަމުގައެވެ. މީގެ އިތުރުން ބޮންޑް ވިއްކުން ފަދަ ކަންކަމުގެ ބަދަލުގައި، ހިއްސާގެ ބާޒާރު ހަރުދަނާކުރުން ފަދަ ފިޔަވަޅުތައް އަޅައިގެން ދަރަނި ފައިނޭންސް ކުރުމަށް، ސަރުކާރުގެ ސިޔާސަތު ބައްޓަންކޮށްފައި ވާތީ، މިފަދަ ކަންކަމަކީ އިގްތިސާދެއް ހަރުދަނާގޮތުގައި ކުރިއެރުވުމަށް އަޅުއްވާފައިވާ ހަރުދަނާ ފިޔަވަޅުތަކެއްގެ ގޮތުގައިވެސް އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ.ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމާއި އެއްފަސްކުރުމުގެ ސިޔާސަތާއި އެސްއީޒެޑް ތަރައްގީކުރުމާއި ހާއްސަކޮށް އިތުރު އެއާޕޯޓުތައް، ތަރައްގީކުރުމާއި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމަށް ބަޖެޓްގެ ތެރެއިން ބާރުއަޅާފައިވާކަންވެސް އައިއެމްއެފްއިން ފާހަގަކޮށްފައިވެއެވެ. މިގޮތުން ޓެކްސްގެ ނިޒާމު ރައްކާތެރިކުރުމަށް، ސްޕެޝަލް އިކޮނޮމިކް ޒޯންތައް ތަރައްގީކުރާ ފަރާތްތަކަށް ދިނުމަށް ނިންމާފައިވާ ޓެކްސްގެ ލުއިތައް މުޅިން ވަކިކޮށްފައި ބޭއްވުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަން ފާހަގަކޮށްފައިވާއިރު އިންފްރަސްޓްރަކްޗާ އަށް ކުރާ ހޭދަ އިތުރުކުރަމުންދާއިރު، އެކަން އެކަށީގެންވާ ގޮތެއްގައި ކުރުމަކީ އިގްތިސާދީ ކުރިއެރުން ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރިކަމެއްކަން ވެސް އައިއެމްއިން ފާހަގަކޮށްފައިވެއެވެ.ނަމަވެސް ބަޖެޓްގައި ހިމަނާފައިވާ ބައެއް ފިޔަވަޅުތަކަކީ ހަމައެކަނި ވަގުތީ ފައިދާތަކެއް ކުރާނެ ކަންކަމަށް ވާތީ، ދިގުމުއްދަތަކަށް ދެމިގެން ދާނެ ގޮތަށް މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި ޖީޑީޕީގެ ނިސްބަތުން ޖުމްލަ ދަރަނި ހުރި މިންވަރު ކުޑަކުރަން ޖެހޭކަމަށް އައިއެމްއެފްއިންވަނީ ބުނެފައެވެ.ރާއްޖޭގެ އިގްތިސާދު ރަނގަޅުވަމުން އައިނަމަވެސް އާމްދަނީ އަށް ވުރެ ހަރަދު ބޮޑުވަމުން ދިއުމުގެ ސަބަބުން، ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ރާއްޖޭގެ ދަރަނީގެ މިންވަރު އިތުރުވެފައިވާ ކަމަށް އައިއެމްއިން ބުނެއެވެ.މިދިޔަ އަހަރެކޭ އެއްގޮތަށް، ރާއްޖޭގެ އިގްތިސާދު މި އަހަރު ވެސް ގާތްގަނޑަކަށް ފަހެއް އިންސައްތަ ކުރިއަރާނެ ކަމަށް އައިއެމްއެފްއިން ލަފާކޮށްފައިޥާއިރު އޭގެ މައިގަނޑު ސަބަބުތަކެއްގެ ގޮތުގައި އައިއެމްއެފުން ފާހަގަކޮށްފައި ވަނީ، އެތެރެކުރާ މުދަލުގެ އަގު ހެޔޮވުމުގެ ސަބަބުން އިންފްލޭޝަން ދަށަށް ދިއުމާއި ދުނިޔޭގެ ބާޒާރުގައި ކާނާ އާއި ތެލުގެ އަގު ހެޔޮވުމުގެ ސަބަބުން ރާއްޖޭގެ ކަރަންޓް އެކައުންޓްގެ ދަރަނި، ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން އަށެއް ޕޮއިންޓް ހަތަރެއް އިންސައްތަ ތިރިވުމާއި ބޭރު ފައިސާގެ ރިޒާވް 614 މިލިއަން ޑޮލަރަށް އަރާފައި ވުމުގެ އިތުރަށް، މާލީ ހަމަޖެހުމުގެ މިންވަރު ރަނގަޅުވުމެވެ. އަދި ތެލުގެ އަގު ހެޔޮވުމުގެ ސަބަބުން އިންފްލޭޝަން މިހާރަށް ވުރެ ވެސް ދަށަށް ދާނެ ކަމަށް، އެ އިދާރާ އިންވަނީ އަންދާޒާކޮށްފައެވެ.އަހަރަކު އެއް ފަހަރު އައިއެމްއެފުން ކުރާ އިގްތިސާދީ ދިރާސާގައި ރާއްޖޭގެ އިގްތިސާދު މިދިޔަ އަހަރު ކުރިއަރާފައިވާކަމަށާއި އަދި މިހިގަމުންދާއަހަރުވެސް ކުރިއަރާނެކަމަށް ލަފާކޮށްފައިވާއިރު ސަރުކާރުން ބުނެފައިވަނީ ދިހައެއް ޕޮއިންޓް ފަހެއް އިންސައްތާގައި ކުރިއަރާނެކަމަށެވެ.