ޚަބަރު

"ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް" އުފެއްދެވުމަށް ރައީސް ޞާލިޙު ނިންމަވައިފި


ރައްޔިތުންނަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޤުޞަދުގައި "ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް"ގެ ނަމުގައި މިއަދު ކޯޕަރޭޝަނެއް އުފައްދަވަން ރައީސުލްޖުމްހޫރިއްޔާ ނިންނަވައިފިއެވެ. މިއީ އިކޮނޮމިކް ކައުންސިލުގެ ލަފާފުޅާއެކު ރައީސް ޞާލިހު ނިންމެވި ކޯޕަރޭޝަނެކެވެ.

ރައީސް އޮފީހުން ވިދާޅުވީ މިއީ ސައްތައިން ސައްތަ ސަރުކާރު ޙިއްޞާވާ ކޯޕަރޭޝަނެއް ކަމަށެވެ.

ރައީސް އޮފީހުން ވިދާޅުވީ އަތްފޯރާ ފަށުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އިސްނަގައިގެން، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ހިންގާ މަސައްކަތްތައް ކުރިއަށްގެންދާނީ މި ކޯޕަރޭޝަނުގެ ދަށުން ކަމަށެވެ. އަދި ކުރިމަގުގައި ސަރުކާރުން ކުރިއަށްގެންދާ މިފަދަ މަޝްރޫއުތައްވެސް ހިންގާނީ މި ކޯޕަރޭޝަނުގެ ދަށުން ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

މި ކޯޕަރޭޝަނުން ހިންގާ މަޝްރޫއުތައް ކުރިއަށް ގެންދާނީ މިހާރު ސަރުކާރުން މަސައްކަތް ފައްޓަވާފައިވާ ހައުސިންގް ނީޑްސް އެސެސްމަންޓަށް ރިޢާޔަތް ކުރެވިގެން، އަދުލުވެރި އަދި އިތުބާރުހިފޭ އުސޫލުތަކެއްގެ ތެރެއިން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށެވެ.

މިގޮތުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭއިރު، ފަހި ދިރިއުޅުމެއް އުޅެވޭނެފަދަ މާޙައުލެއް ޤާއިމުކުރުމަށް ބޭނުންވާނެ ވަސީލަތްތައްވެސް ހަމަޖައްސައިދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ..