ޚަބަރު

ރަށުގެ ކަންކަން ސަރުކާރު ކޮށްދޭނީ ރައްޔިތުން އެދޭ ގޮތަކަށް - ނާއިބު ރައީސް


ރަށުގެ ކަންކަން އެ ރަށެއްގެ ރައްޔިތުން އެދޭ ގޮތަށް ކުރިއަށް ގެންދެވުމަށް ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަޞީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ފުވައްމުލަކު ސިޓީގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "ވަން ފުވައްމުލައް" ގެ މެންބަރުންނާ، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ. މި ބައްދަލުކުރެއްވުމުގައި ނާއިބު ރައީސް ވިދާޅުވީ އެކިއެކި މުހިންމު މައްސަލަތަކާ ބެހޭގޮތުން އާންމުން ހޭލުންތެރިކުރުންފަދަ އިޖުތިމާއީ ހަރަކާތްތައް ހިންގަމުންގެންދިއުމަކީ "ވަން ފުވައްމުލައް" ޖަމިއްޔާގެ ފަރާތުން ކުރިއަށް ގެންދާ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.

"ވަން ފުވައްމުލައް" ޖަމިއްޔާގެ ފަރާތުން މި ބައްދަލުކުރެއްވުމުގައި ވަނީ ފުވައްމުލަކުގެ ތަރައްޤީއަށް ހިންގާ ހަރަކާތްތަކާއި، އާންމުންނާ ގުޅިގެން ބާއްވާ އެކިއެކި އިޖުތިމާއީ ހަރަކާތްތަކާ ބެހޭ މަޢުލޫމާތު ނާއިބު ރައީސަށް އަރުވާފައެވެ. އަދި ރަށުގެ ކަންކަމާ ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައްވެސް ރައީސުލްޖުމްހޫރިއްޔާގެ ނާއިބާ ހިއްސާ ކުރެއްވިއެވެ.