ސިޔާސީ

އަދާލަތު ޕާޓީ ސަރުކާރާއި އިދިކޮޅެއް ނޫން- ޝަހީމް


މިހާތަނަށް މުޅި އަދާލަތު ޕާޓީއަކުން ސަރުކާރާއި ވަކިވާކަން ނުވަތަ އިދިކޮޅުވާކަށް ސްޓޭންޑެއް ނަގާފައިނުވާކަމަށް އިސްލާމިކް އެފެއަރޒް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.އެމްބީސީގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޝަހީމް ވިދާޅުވީ  ސަރުކާރާއި އަދާލަތު ޕާޓީއާއި ދެމެދު ޚިޔާލުތަފާތުވާ ކަންތައްތަކެއް އެބަހުރިކަމަށާއި އެކަންތައްތައް ހައްލުކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށެވެ. އަދި އެޕާޓީން އިސްލާމީ ކަންތައްތަކާއި އަދި އެނޫންސްވެސް ކަންތައްތަކުގައި އަދުލުވެރި ހަމަތަކުގެ މަތިންދާ ކަންތައްތަކުގައި ސަރުކާރު ދަމަހައްޓާ ސަރުކާރަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އެމަނިކުފާނަނަށް އެބައޮތްކަމަށާއި އަދާލަތުޕާޓީއާއި ސަރުކާރާއި އޮތް ގުޅުން ކެންޑިގެން ނުދާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.މިނިސްޓަރ ވިދާޅުވީ ޚީޔާލުތަފާތުވާ ކަންތައްތައް މަޝްވަރާގެ ތެރެއިން ހައްލުކުރެވޭނެކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.މިނިސްޓަރ ވިދާޅުވީ އަދާލަތު ޕާޓީގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖޭގެ އިސްލާމީ ކަންތައް ދިރުވައި ދަމަހައްޓާ އިންސާފްވެރި ނިޒާމެއް ގައިމްކުރުމަށްޓަކައި މަސައްކަތްކުރުން ކަމަށާއި އެހެންކަމަށްވަނީނަމަ އިސްލާމީ ކަންތައްތަކަށް ނަސްރުދޭ ސަރުކާރެއް އޮތްހާހިނދަކު އެ ސަރުކާރަށް އެއްބާރުލުން ދޭންޖެހޭނެކަމަށެވެ. އަދި އެ ސަރުކާރެއް އިސްލާހްކުރަންޖެހޭ ކަމެއް އޮތްނަމަ ހެޔޮގޮތުގައި އެކަމެއް އިސްލާހްކުރުމަށް މަސައްކަތް ކުރުމަކީ ވާޖިބުވެގެންވާކަމެއް ގޮތުގައި ދެކެވަޑައިގަންނަވާކަމަށާއި ސަރުކާރު ވައްޓާލަން އަދާލަތު ޕާޓީން މަސައްކަތް ނުކުރާނެކަމަށްވެސް ވިދާޅުވިއެވެ.މިނިސްޓަރ ޝަހީމް މިހެން ވިދާޅުވީއިރު  އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ގެންދަވަނީ ސާރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.އަދާލަތު ޕާރޓީން މިދިޔަ އަންގާރަ ދުވަހު ވަނީ ރައިސް ޔާމީންއާއި ރާއިސް އޮފީހުގައ ބައްދަލުކުރައްވާފައެވެ. އަދާލަތު ޕާޓީން ސަރުކާރާއި އިިިދިކޮޅުވާން ނިންމާފައިނުވާކަމަށް ރޭ އެމްބީސީގައި މިނިސްޓަރ ޝަހީމް ވާހަކަފުޅުދައްކަވާފައިވަނިކޮށް، ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުން ކުރަމުންދާ އިސްލާމްދީނާއި ގާނޫނުތަކާއި ގަވައިދުތަކާ ހިލާފު ކަންކަން އިސްލާހު ކުރުމަށް ގޮވާލައި ހައްގު ބަސް ބުނުން މަތީގައި ދެމިތިބުމަށް ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމާފައިވާކަމަށްބުނެ ރޭ އެޕާޓީންވަނީ ބަޔާނެއް ނެރެފައެވެ. އެމްބީސީއަށް އެގިފައިވާގޮތުގައި ސަރުކާރަށް ފާޑުކިޔުމާއިމެދު އަދާލަތު ޕާޓީގެ އިސްބޭފުޅުންގެތެރޭގައި ވަނީ ވަރަށް ބޮޑު ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.