ޚަބަރު

ރާއްޖޭގެ ތަރައްޤީއަށް ކުރަމުން ގެންދާ މަސައްކަތްތައް އަވަސް ކޮށްދޭނަން - އިންޑިއާ ސަފީރު


އިންޑިއާއިން ރާއްޖޭގެ ތަރައްޤީއަށް މިހާރު ކުރިއަށް ގެންދާ މަސައްކަތްތައް އަވަސް ކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލެޝް މިޝްރާ ވިދާޅުވެއްޖެއެވެ.

ސަފީރު އަކިލޭޝް މިޝްރާ މިއަދު ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ އަރިޙަށް ކުރެއްވި ވަދާޢީ ޒިޔާރަތުގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ އިންޑިއާއާއި ރާއްޖެއާ ދެމެދުގައި އަބަދުވެސް ގާތް ގުޅުމެއް އޮންނަކަމަށާއި، ކުރިއަށްއޮތް ދުވަސްތަކުގައި މިގުޅުން އިތުރަށް ބަދަހިވެގެން ދިއުމަކީ އެމަނިކުފާނު އުއްމީދުކުރައްވާ ކަމެއް ކަމަށެވެ. އަދި މިހާރު ކުރިއަށްދާ މަޝްރޫޢުތައް އަވަސްކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައިވެސް ސަފީރު ވިދާޅުވިއެވެ. މި ބައްދަލުކޮށްލެއްވުމުގައި ސަފީރު އަކިލޭޝް މިޝްރާ ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ މަސައްކަތްތަކަށާއި ޚާއްޞަކޮށް ސަރުކާރުން ގެންގުޅުއްވާ ޑިމޮކްރަސީގެ ހަރުދަނާ ސިޔާސަތުތަކަށް ތަޢުރީފުކުރައްވައިފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީލް ވަނީ އިންޑިއާގެ ސަފީރު ދިވެހިރާއްޖެއަށް ކުރެއްވި ޚިދުމަތްތަކުގެ އަގު ވަޒަން ކުރައްވައި، އެމަނިކުފާނަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި އަކިލެޝް މިޝްރާގެ ސަފީރުކަމުގެ ދައުރުގައި ދިވެހި ބަހާއި ސަގާފަތް ދަސްކުރެއްވުމުގައި ބެހެއްޓެވި ޝައުޤުވެރިކަން ނާއިބު ރައީސް ވަނީ ފާހަގަކުރައްވައިފައެވެ. އަދި އެމަނިކުފާނު ވަނީ އިންޑިއާގެ ސަފީރަށް ކުރިމަގުގައި ކާމިޔާބީއަށް އެދިވަޑައިގެން ހެޔޮއެދުންތައް އަރިސްކުރައްވައި މިހާރުއޮތް ރަހުމަތްތެރި ގުޅުން ކުރިމަގުގައިވެސް އެގޮތުގައި ދެމެހެއްޓެވުމަށް އެދިވަޑައިގެންފައެވެ.