ޚަބަރު

ޕްރައިމަރީން ބަލިވިޔަސް އިންތިޚާބުގައި ވާދަކުރެވޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި


ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށް ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ މާއްދާ އުވާލުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

މި މާއްދާ ބާތިލް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ މަޖިލިސް އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށްޓަކައި އެމްޑީޕީން ބޭއްވި ޕްރައިމަރީގައި ވާދަކޮށް ބަލިވި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ސްޕެޝަލް އެންވޯއި އަބްދުﷲ ޖާބިރާ ޢަބްދުލް މާނިޢު ހުޞައިނެވެ.

ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީތަކުގައި ވާދަކޮށް ބަލިވާ ކެންޑިޑޭޓުން އަމިއްލަ ގޮތުން ނުވަތަ އެހެން ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް ރައްޔިތުން މަޖިލީހަށް އިޞްލާހެއް ހުށަހަޅާ ފާސްކުރީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި މިހާރު ބުނެފައިވަނީ ސިޔާސީ ޕާޓީއެއްގެ ޓިކެޓު ހޯދުމަށް، ޕްރައިމަރީއެއްގައި ވާދަކޮށްފައިވާ މެމްބަރަކު، އެ އިންތިހާބުގެ އެހެން އެއްވެސް ހައިސިއްޔަތަކުން ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިނަމަ، އެ ކޮމިޝަނުން އެ މެމްބަރެއްގެ ކެންޑިޑެސީ ބާތިލް ކުރަން ވާނެ ކަމަށެވެ.

ޖާބިރާއި މާނިޢުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ވަނީ ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް އޮންނަ، ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ 10 ވަނަ މާއްދާ ބާތިލްކޮށް ދިނުމަށް ނުވަތަ ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުން ޕާޓީގެ މެމްބަރުކަން ދޫކޮށްލުމަށް ފަހު، އަމިއްލަ ގޮތުން މަޖިލިސް އިންތިޚާބުގައި ވާދަ ކުރެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދޭ ކަމަށެވެ.