ވިޔަފާރި

މާލެއެކޭ އެއް އަގެއްގައި އަތޮޅުތަކުގައި ކާޑުގެ ބާވަތްތައް ވިއްކާނެ އެޖެންޓުން ހޯދަނީ

އެސްޓީއޯއިން ވިއްކާ ކާޑުގެ ބާވަތްތައް، މާލޭގެ ފިހާރަތަކުން ވިއްކަން އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ އަގުގައި އަތޮޅުތަކުގެ ރަށްރަށުގައި ވިއްކައި ދޭނެ އެޖެންޓުން ހޯދުމަށް އިއުލާންކޮށްފިއެވެ.

އެސްޓީއޯ އިން މާލޭގައި ކާޑުގެ ބާވަތްތައް ވިއްކާ އަގުގައި އަތޮޅުތަކުގެ ރަށްރަށުން ކާޑު ވިއްކާނެ އެޖެންޓުންނަށް ވުމަށް ޝައިގުވެރިވާ ފަރާތްތަކުން މިމަހުގެ 17ވާ އާދިއްތަ ދުވަހު 1400 ގެ ކުރިން އެރަށެއްގައި ހުންނަ އެސްޓީއޯ ބޭސްފިހާރައަށް ގޮސް ރަޖިސްޓަރީ ކުރުރުމުގެ ފުރުސަތު އެސްޓީއޯއިން މިހާރުވަނީ ހުޅުވަލާފައެވެ.

މިކަމަށް ޝައުގުވެރިކަން ފާޅުކުރުމަށް ބީލަންކަރުދާހާބެހޭ މަޢުލޫމާތު ހޯދުމަށް މިއަދުން ފެށިގެން ފެބްރުއަރީ މަހުގެ 20ވަނަ ދުވަހުގެ 14:30 ގެ ނިޔަލަށް، އެސްޓީއޯއާ ގުޅައިގެން މައުލޫމާތު ސާފުކުރެވޭނެކަމަށް އެކުންފުނިން ބުނެއެވެ.

އެސްޓީއޯއިން ބުނީ މާލޭގައި ވިއްކާ އަގުގައި ރަށްރަށުގައި ކާޑުގެ ބާވަތްތައް ވިއްކަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަންކަރުދާސް ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 21 ވާ ބުރާސްފަތި ދުވަހު 14:30 ގެ ކުރިންކަމަށެވެ. އަދި ބީލަން ކަރުދާސް ހުށަހަޅާނީ އެރަށެއްގައި ހުންނަ އެސްޓީއޯ ބޭސްފިހާރައަށް ކަމަށާއި، ބީލަން ހުށަހެޅުމަށް ބަދަލުގައި ބޭފުޅަކު ވަޑައިގަންނަވާނަމަ އެކަންއެނގޭނެ ލިޔުމެއް ފޮނުވަން ޖެހޭނެކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.

މާލޭގައި ކާޑުގެ ބާވަތްތައް ވިއްކަން ކަނޑައަޅާފައިވާ އަގުތަކަށްބަލާއިރު، އެސްޓީއޯގެ ހަނޑޫ ކިލޯއެއްގެ ހޯލްސޭލް ރޭޓަކީ 3.98 ރުފިޔާއެވެ. އަދި ވިޔަފާރި ޚަރަދާއި ފައިދަގެ ގޮތުގައި 82 ލާރި ލައިގެން މާލޭގައި ހަނޑޫ ކިލޯއެއް ވިއްކޭނީ 4.80 ރުފިޔާއަށެވެ.

ހަކުރު ކިލޯއެއްގެ އަގަށްބަލާއިރު، އެސްޓީއޯ ހޯލްސޭލް ރޭޓަކީ 4 ރުފިޔާއެވެ. އަދި ވިޔަފާރި ހަރަދާއި ފައިދަގެ ގޮތުގައި 82 ލާރި ލައިގެން މާލޭގައި ހަކުރު ކިލޯއެއް ވިއްކޭނީ 4.82 ރުފިޔާއަށެވެ. މީގެއިތުރުން ފުށް ކިލޯއެއްގެ އަގަށްބަލާއިރު، އެސްޓީއޯ ހޯލްސޭލް ރޭޓަކީ 2.98 ރުފިޔާއެވެ. އަދި ވިޔަފާރި ހަރަދާއި ފައިދަގެ ގޮތުގައި 82 ލާރި ލައިގެން މާލޭގައި ފުށް ކިލޯއެއް ވިއްކޭނީ 3.80 ރުފިޔާއަށެވެ.

ހަނޑޫ ބަސްތާއެއް ހޯލްސޭލް ކުރަނީ 199 ރުފިޔާއަށެވެ. އޭޖެންޓަށް ހަނޑޫ ބަސްތާ ވިއްކަނީ 154 ރުފިޔާއަށެވެ. މާލޭގެ ފިހާރަތަކުން ހަނޑޫ ބަސްތައެއް ވިއްކޭނެ އަގުގެ ގޮތުގައި ކަނޑައަޅާފައިވަނީ 240 ރުފިޔާއަށެވެ. އެސްޓީއޯއިން ހަކުރު ބަސްތާ ހޯލްސޭލް ކުރަނީ 200 ރުފިޔާއަށެވެ. އޭޖެންޓަށް ހަކުރު ބަސްތާ ވިއްކަނީ 155 ރުފިޔާއަށެވެ. މާލޭގެ ފިހާރަތަކުން ހަނޑޫ ބަސްތައެއް ވިއްކޭނެ އަގުގެ ގޮތުގައި ކަނޑައަޅާފައިވަނީ 241 ރުފިޔާއަށެވެ. އެސްޓީއޯއިން ފުށް ބަސްތާއެއް ހޯލްސޭލް ކުރަނީ 149 ރުފިޔާއަށެވެ. އޭޖެންޓަށް ފުށް ބަސްތާ ވިއްކަނީ 104 ރުފިޔާއަށެވެ. މާލޭގެ ފިހާރަތަކުން ހަނޑޫ ބަސްތައެއް ވިއްކޭނެ އަގުގެ ގޮތުގައި ކަނޑައަޅާފައިވަނީ 190 ރުފިޔާއެވެ.