ޓުއަރިޒަމް

އައި.ޓީ.ބީގެ ދެހާސް ސޯޅަ ވަނަ އަހަރުގެ ޕާޓްނަރކަން ރާއްޖެއަށް

ދުނިޔޭގައި ބާއްވާ ފަތުރުވެރި ކަމުގެ އެންމެ ބޮޑު ފެއަރ އައި.ޓީ.ބީގެ ދެހާސް ސޯޅަ ވަނަ އަހަރުގެ ޕާޓްނަރކަން ރާއްޖެއަށް ލިބިއްޖެއެވެ. އަދި އަންނަ އަހަރަކީ، ރާއްޖެއަށް ޒިޔާރަތްކުރާ އަހަރުގެ ގޮތުގައިވެސް އެމް.އެމް.ޕީއާރު.ސީން ވަނީ ނިންމާފައެވެ.އައި.ޓީ.ބީއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެންމެ ގިނަ މަންދޫބުން ބައިވެރިވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއަރއެވެ. އަންނަ އަހަރު އައި.ޓީ.ބީގެ ގޯލްޑަން ޖުބްލީ ފާހަގަކުރާއިރު، މިއީ އަންނަ އަހަރު ދިވެހިރާއްޖޭގެ ފަތުރުވެރި ކަމުގައި ހާސިލްކުރަންބޭނުންވާ އެއް ލަނޑުދަނޑިއަށް ވާސިލްވުމަށް ލިބޭނެ ވަރަށް ބޮޑު ހިއްވަރެއް ކަމަށް އެމް.އެމް.ޕީ.އާރު.ސީން މަޢުލޫމާތު ދެއެވެ.2016 ވަނަ އަހަރުގެ އައި.ޓީ.ބީގެ ޕާޓްނަރަކަށް ދިވެހިރާއްޖެވުމުން މި ކަމުގެ އެއްބަސްވުމުގައި ސޮއިކުރީ މިހާރު ކުރިޔަށްދާ ފެއަރގައެވެ. ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެމް.އެމް.ޕީ.އާރު.ސީ މެނޭޖިންޑިރެކްޓަރ ޢަބްދުﷲ ޒިޔަތުއެވެ. އައި.ޓީ.ބީ ބާލިންގެ ފަރާތުން ސޮއިކުރެއްވީ ޑޭވިޑް ރުއެޓްޒްއެވެ.ރާއްޖޭން ފުރަތަމަ ފަހަރަށް އައި.ޓީ.ބީ ފެއަރގައި ބައިވެރިވީ މީގެ 31 އަހަރުކުރިން، 1984 ވަނަ އަހަރުއެވެ.މީގެ އިތުރުން 2016ވަނަ އަހަރަކީ ރާއްޖެއަށް ޒިޔާރަތްކުރާ އަހަރުގެ ގޮތުގައި ކަނޑައަޅާފައިވުމާއިއެކު، ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ގެނައުމަށް ހިންގާ ކެމްޕޭން މި ޝިޔާރުގެ ދަށުން ގެންގޮސް، އައި.ޓީ.ބީން ކުރިޔަށް ގެންދާ ޕްރޮމޯޝަނަލް ހުރިހާ ހަރަކާތެއްގައި  ބައިވެރިވެ ރާއްޖެ އިޝްތިހާރު ކުރުމަށް އިތުރު ފުރުޞަތު ލިބޭނެ ކަމަށް އެމް.އެމް.ޕީ.އާރު.ސީން ބުނެއެވެ. ޒިޔާރަތްކުރާ އަހަރުގެ ގޮތުގައި އެންމެ ފުރަތަމަ ކަނޑައަޅާފައިވަނީ މީގެ އަށާރަ އަހަރުކުރިން 1997ވަނަ އަހަރުއެވެ.