ވިޔަފާރި

ދަރަނި ކުޑަކުރަން ބޭނުންނަމަ، ހިލޭ އެހީ އާއި ފޮރިން އިންވެސްޓްމަންޓްތައް އިތުރުކުރަންޖެހޭ - ފިނޭންސް މިނިސްޓަރު


ދަރަނި އަދާކުރުމަށް ބޭރުގެ ޑައިރެކްޓް ފޮރިން އިންވެސްޓްމަންޓުތައް އިތުރުކުރުމުގެ މަސައްކަތް ސަރުކަރުން ކުރަމުންދާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަދަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ ވޭދުވެދިޔަ އަހަރުތަކުގައި ރާއްޖެއަށް ބޭރުގެ އިންވެސްޓަރުން އައުން މަދުވެފައިވީނަމަވެސް މިސަރުކާރު ވެރިކަމާ ހަވާލުވި ހިސާބުން މިކަން ބަދަލުވާން ފަށާފައިވާކަމަށެވެ. އަދި މިހާރު ގިނަ ޤައުމުތަކެއްގެ ކުންފުނިތަށް ރާއްޖޭގައި އިންވެސްޓު ކުރަން ޝައުޤުވެރިކަން ފާޅުކުރަމުންދާކަމަށެވެ.

"
ބޭރުގެ ފަރާތްތަކުން ރާއްޖޭގައި އިންވެސްޓް ކުރަން ތިބީ ތައްޔާރަށް. އަޅުގަނޑުމެން ކުރިން ވަރަށް ބޮޑަށް ފާހަގަކުރިން މިދިޔަ އަހަރުތަކުގައި ރާއްޖެއަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓުތައް ނާންނަކަން. މިހާތަނަށް ގެންގުޅެމުންއައި އުސޫލަކީ ދަރަނި ނަގައިގެން ދަރަނިން ބޮޑެތި މަޝްރޫތައް ކުރިއަށްގެންދިއުން
ފިނޭންސް މިނިސްޓަރު އަމީރު

ފިނޭންސް މިނިސްޓަރު ވިދާޅުވީ މިވަގުތު ސަރުކާރަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދަރަނި ބޮޑުވުންކަމަށެވެ. މިކަމަށް އޮތް ހައްލަކީ ބޭރުގެ ހިލޭ އެހީއާއި އެކު މަޝްރޫތައް ކުރިޔަށް ގެންދިއުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރ އަމީރު ވިދާޅުވީ ޤާނޫނުތައް އިސްލާހުކޮށް ބޭރުގެ އިންވެސްޓްމަންޓުތަކަށް ކުރިން ނުލިބޭ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.

ފިނޭންސް މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި މިދިޔަ އަހަރު ނިމުނުއިރު ދިވެހިރާއްޖޭގެ ޖުމްލަ ދަރަނި ވަނީ 48 ބިލިއަން ރުފިޔާއަށް އަރާފައެވެ.
ދައުލަތުގެ ދަރަނި އަދާކުރުމަށާއި، ކުރިޔަށް އޮތް ތަނުގައި ދަރަނި އިތުރުވިޔަ ނުދިނުމަށް އޮތް އެންމެ ރަގަނޅު ގޮތަކީ ޑައިރެކްޓް ފޮރިން އިންވެސްޓްމަންޓުތަކާއި ހިލޭ އެހީގެ މަޝްރޫތައް އިތުރުކުރުންކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.