ޚަބަރު

ޖަލްސާތައް ބޭއްވޭނެ ދުވަހެއް ނޭނގޭ - މަޖިލީހުގެ އިދާރާ


ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ޖަލްސާތައް ފެށޭނެ ދުވަހެއް ނޭނގޭކަމަށް މަޖިލީހުގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ޢާނމުގޮތެއްގައި މަޖިލީހުގެ ޖަލްސާތައް ބާއްވަނީ ހޯމަ، އަންގާ އަދި ބުދަ ދުވަހުއެވެ. މަޖިލީހުގެ މީޑިއާ ޑިރެކްޓަރ ވިދާޅުވީ، މަޖިލީހުގެ ޖަލްސާއެއް މިހާތަނަށް އެޖެންޑާކޮށްފައި ނުވާއިރު އަދި ޖަލްސާތައް ބޭއްވޭނެ ދުވަހެއް ނޭގޭކަމަށެވެ.

މަޖިލީހުގެ އިދާރާ މަރާމާތުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އެނގިފައިވާ ގޮތުގައި މަޖިލީހުގެ ޖަލްސާތައް ދެން ފަށާނީ މަޖިލީހުގެ މަރާމާތުގެ މަސައްކަތް ނިމުމުންނެވެ. މަޖިލިސް ހުޅުވުމާއެކު މުހިންމު ބިލްތަކެއް ފާސްކުރާނެކަމަށް ސަރުކާރު ކޯލިޝަންގެ ޖޮއިންޓް ޕާލިމަންޓްރީ ގްރޫޕުން ކުރިންވަނީ ބުނެފައެވެ.

މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މިވަގުތަށް އެންމެ ބޭނުންތެރި ޤާނޫނުތަކުގެ ދެލިކޮޕީ، ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާކަަމަށް ވިދާޅުވެފައެވެ. އޭގެ ތެރޭގައި ނުޙައްޤުން މުއްސަނދިކަން ހޯދައި ލިބިގަތުމާއި، ކޮރަޕްޝަން ހުއްޓުވުމުގެ ފިޔަވަޅެއްގެ ގޮތުން، ޤާނޫނުލްޢުޤޫބާތަށް އެ ކުށް އިތުރުކުރުމުގެ ބިލް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މަޖިލީހުގައި މިހާރު ހުރި މުހިންމު ބިލުތަކުގެ ތެރޭގައި، ކޮރަޕްޝަންގެ ޢަމަލުތައް ހާމަކުރާ މީހުން ރައްކައުތެރިކުރުމުގެ ބިލާއި، ދިވެހިރާއްޖޭގެ ޤާނޫނީ ޚިދުމަތުގެ ބިލު ހިމެނެއެވެ. ރައީސް ވަނީ ދައުލަތުގެ ފައިސާއާއި މުދަލަށް ޚިޔާނާތްތެރިވުމުގެ މައްސަލަތަކާއި، ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބެލުމުގެ ބިލު ހިމެނެއެވެ. މީގެ އިތުރުން މަޖިލީހަށް ހުށައެޅުމަށް ސރުކާރުން ނިންމާފައިވާ ބިލްތަކުގެ ތެރޭގައި ކުޑަކުދީންގެ ޢަދުލުގެ ބިލާއި، ޖަމިއްޔާތަކާ ގުޅޭ ބިލާއި، އިންކަމް ޓެކްސް ނެގުމާ ގުޅޭ ބިލާއި، ލާމަރުކަޒީ ޤާނޫނު އިޞްލާޙު ގެނައުން ހިމެނެއެވެ.

މަޖިލީހުގެ ޖަލްސާތައް ތިން ދައުރަކަށް ބަހާލައިގެން ކުރިއަށް ގެންދާއިރު، މަޖިލީހުގެ ޤަވާއިދުގެ 16 މާއްދާގައި ބަޔާންކޮށްފައިވަނީ ފުރަތަމަ ދައުރު ހިނގާނީ ފެބުރުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށްކަމަށެވެ. މިއީ މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ދައުރެވެ. އަދި އަންނަ އޭޕްރީލް މަހު ބާއްވާ މަޖިލީހުގެ އިންތިޚާބުގައި، އިންތިޚާބުވާ މެންބަރުންނާއެކު ނަވާރަ ވަނަ ރައްޔިތުންގެ މަޖިލިސް ފެށޭނީ ޖޫން މަހުގެ ތެރޭގައެވެ.