ޚަބަރު

ގޯތިދޫކުރުމުގެ އެންމެހައި މަސައްކަތެއް ކުރާނީ އެރަށެއްގެ ކައުންސިލުން - ޕްލޭނިންގ މިނިސްޓްރީ


ގޯތި ދޫކުރުމުގެ އެންމެހާ މަސައްކަތް ކުރިއަށް ގެންދާނީ އެ ރަށެއްގެ ކައުންސިލުންކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބުނެފިއެވެ.

އެ މިނިސްޓްރީން މިހެން ބުނެފައިވަނީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން 9 ރަށަކުން ގޯތި ދޫކުރުމަށް އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކޮށްފައިވާ އިޢުލާންތައް ބާތިލުކުރުމުގެ ގޮތުން ކޮށްފައިވާ އިއުލާނެއްގައެވެ. މި އިއުލާނުގައި ގޯތިދޫކުރުން ބާތިލުކޮށްފައިވާ 9 ރަށަކީ ހދ. ހަނިމާދޫ، ހދ. ކުޅުދުއްފުށި، ދ. މީދޫ، ކ. ތުލުސްދޫ، ކ. މާފުށި، ކ. ހިންމަފުށި، ގދ. ތިނަދޫ އަދި ލ. ގަމުގެ އިތުރުން އައްޑޫ ސިޓީއެވެ.

ޕްލޭނިންގ މިނިސްޓްރީން ބުނީ ގޯތި ދޫކުރުމުގެ އެންމެހާ މަސައްކަތަކީ ރަށްރަށުގެ ކައުންސިލުން ކުރަންޖެހޭ މަސައްކަތަކަށްވާތީވެ، ގޯތި ދޫކުރުމުގެ އެންމެހާ މަސައްކަތް ކުރިއަށް ގެންދާނީ އެ ރަށެއްގެ ކައުންސިލުން ކަމަށެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ގޯތިދޫކުރުމުގެ އެންމެހާކަމެއް ކުރަމުން ގެންދިޔައީ ސީދާ ހައުސިންގ މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ. އަދި ގޯދިދޫކުރުމުގައި، އެރަށެއްގެ ކައުންސިލާއި، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމެއްނެތި، އެ މިނިސްޓްރީގެ ފަރާތުން ރަށްރަށުން ގޯތިދޫކުރަމުންދާކަމުގެ ޝަކުވާ އެކި ފަރާތްތަކުން އުފުލާފައިވެއެވެ. ނަމަވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގެވުމުގެ ސިޔާސާތުގެ ދަށުން، ކުރީގެ ސަރުކާރުން ހިފަހައްޓާފައިވާ ކައުންސިލުތަކުގެ ބާރުތައް އަލުން ދިނުމަށް ނިންމާފައިވާއިރު، އޭގެ ތެރޭގައި ޤާނޫނުތަކާއި އެއްގޮތަށް ބިން ދޫކުރުމާއި، ބިމާއި އިމާރާތްތައް ރަޖިސްޓްރީ ކުރުމާއި، އިމާރާތް ކުރުމުގެ ހުރިހާ ކަންތައްތަކެއްވެސް ކައުންސިލްތަކުން ކުރާގޮތަށް ނިންމަވާފައިވެއެވެ.