ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް މިހާތަނަށް 88 ފަރާތަކުން ފޯމް ހުށައަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ. މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ  މިދިޔަ ޖެނުއަރީ މަހުގެ ނަވާވީސް ވަނަ ދުވަހުއެވެ. 
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، މިހާތަނަށް ހުށައަޅާފައިވާ 88 ކެންޑިޑެންސީ ފޯމްގެ ތެރެއިން 80 ފޯމް އަކީ ސިޔާސީ ޕާޓީތަކުން ވާދަކުރާ ކެނޑިޑޭޓުން ހުށައެޅި ފޯމްކަމަށާއި، އަމިއްލަގޮތުން ވާދަކުރަން 8 ފަރާތަކުން ފޯމް ހުށައަޅާފައިވާކަމަށެވެ. އީސީން ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ތެރެއިން އެމްޑީޕީ ފިޔަވައި އެއްވެސް ސިޔާސީ ޕާޓީއަކުން މިހާތަނަށް ފޯމް ހުށައަޅާފައި ނުވާކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރަން އެދޭ ފަރާތްތަކުން މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު އީސީން ހުޅުވާލާފައިވާއިރު އެމްޑީޕީ ވެފައި ވަނީ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް އެންމެ ފުރަތަމަ ފޯމު ހުށަހެޅި ޕާޓީއަށެވެ. 
ކުރިއަށް އޮތް މަޖިލީހުގެ އިންތިޚާބުގައި ރާއްޖޭގައި ހަރަކާތްތެރިވާ ހުރިހާ ސިޔާސީ ޕާޓީއެއްގެ ފަރާތުން ވާދަކުރާނެކަމަށް ވަނީ ބުނެފައެވެ. އޭގެ ތެރޭގައި އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ، ޕީޕީއެމް، ކޮންގްރެސް ޕާޓީ، ލޭބަރ ޕާޓީ، އެމްޓީޑީ، ޑީއާރުޕީ، އެމްޑީއޭ ހިމެނެއެވެ. އަދި ރައީސް މައުމޫންގެ ތާޢީދާއެކުވެސް ގިނަ ދާއިރާތަކަކަށް ވާދަކުރާނެކަމަށް ބުނެފައިވެއެވެ. 
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮންނާނީ އޭޕްރީލް ހަވަނަ ދުވަހުއެވެ. މި އިންތިޚާބުގައި 87 ދާއިރާއަކަށް މެންބަރުން އިންތިޚާބުކުރާނެއެވެ.