ކުޅިވަރު

ޔުވްރާޖާއި ހަރްބަޖަން ރާއްޖޭގެ ކްރިކެޓް ދަނޑަށް


އަންނަ ހުކުރު ދުވަހު މާލޭގައި ކުޅުމަށް ހަމަޖެހިފައިވާ ޙާއްސަ ކްރިކެޓް މެޗުގައި ވޯލްޑް ކަޕް ކުޅެފައި ތިބި ކުޅުންތެރިން ފެނިގެންދާނެ ކަމަށް ޔޫތް މިނިސްޓަރ އަޙުމަދު މަޚުލޫފް ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު ކުޅުމަށް ހަޖެހިފައިވާ މި މެޗާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ މަޚުލޫފް ވިދާޅުވީ، މި އިވެންޓަކީ ކުޅިވަރު ޕްރޮމޯޓްކޮށް ކުޅިވަރު ދިރުވާ އަލާކޮށް އަދި ރާއްޖޭގެ ކްރިކެޓް ކުޅުންތެރިންނަށް މަތީ ފެންވަރުގެ ކުޅުންތެރިންނާއެކު މެޗެއް ކުޅުމުގެ ފުރުސަތު ހޯދާއިދިނުމުގެ މަޤްސަދުގައި ކުޅެވޭ ޙާއްސަ މެޗެއް ކަމަށެވެ.

އެގޮތުން މި މެޗަށް އިންޑިއާއިން އަންނަނީ އެއަރ އިންޑިއާގެ ޓީމެކެވެ. މި ޓީމުގައި އިންޑިއާގެ އައިޕީއެލްގައި މިހާރުވެސް ކުޅެމުންއަންނަ މަޝްހޫރު ކުޅުންތެރިން ހިމެނެއެވެ. މި ހަރަކާތުގައި އެންމެ ފުރަތަމަ އެއާރ އިންޑީއާގެ ޓީމާއި ދެކޮޅަށް ހުކުރު ދުވަހު ހެނދުނު ކުޅޭނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޟޯލިހް ހިމެނިވަޑައިނަންވާ ޓީމް އެވެ. އަދި މެންދުރު ފަހު ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭ ޤައުމީ ކްރިކެޓް ޓީމާއި އިންޑީއާގެ ޓީމު ބައްދަލުކުރާ މެޗެއް ކަމަށް މަޙުލޫފް ވިދާޅުވި އެވެ.

މި މެޗަށް އިންޑީއާއިން އަންނަ ޓީމުގައި ވޯލްޑް ކަޕް ކުޅެފައި ތިބި ކުޅުންތެރިން ހިމެނޭކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އިންޑިއާއާ އެކު 2011 ވަނަ އަހަރުގެ ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކުރި ޔުވްރާޖާއި ހަރަބަޖަން ވެގެންދާނީ، ރާއްޖޭގައި ރާއްޖޭގެ ގައުމީ ޓީމާ ދެކޮޅަށް މެޗެއް ކުޅޭ އެންމެ މަތީ ފެންވަރުގެ ދެ ކުޅުންތެރިންނަށެވެ. މީގެ ކުރިން ސްރީ ލަންކާގެ މަޝްހޫރު ބައެއް ކުޅުންތެރިން ރާއްޖޭގައި އެކުވެރިކަމުގެ މެޗުތަކެއް ކުޅެފައިވެ އެވެ.