މޯލްޑިވްސް ފުޑް ކާނިވަލްގައި ކުރިއަށްގެންދާ ލިވަޕޫލް ފޭން ޒޯންގައި ނެދަލަންޑްސްގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އަދި ލިވަޕޫލްގެ ލެޖެންޑް ޑަރކް ކައިޓް ބައިވެރިވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެ ހަވީރު ދުވަހު ކުރިއަށްގެންދިޔަ މި ޚާއްސަ ހަރަކާތުގައި ކައިޓް ބައިވެރިވެފައިވާއިރު، ލިވަޕޫލްގެ ސަޕޯޓަރުންނާއެކު ފޮޓޯ ނެގުމާއި، ޖޯޒީގައި ސޮއިކުރުންފަދަ ހަރަކާތްތައް ކުރިއަށް ގެންދިޔައެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ ފުޑް ކާނިވަލްގެ ތެރެއިން "ޕީއެސްއެމް ނިއުސް" އާ ވާހަކަ ދައްކަމުން ކައިޓް ބުނީ މިއީ އޭނާ ރާއްޖެ އައި ފުރަތަމަ ފަހަރު ކަމަށާއި، ރާއްޖެއިން ކީ މަރުހަބާއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާކަމަށެވެ. އަދި ރާއްޖޭގައި ލިވަޕޫލްގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ތިބުމަކީ އުފާވާ ކަމެއް ކަމަށާއި، ލިވަޕޫލް އާއި ވިޒިޓް މޯލްޑިވްސްއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ތެރެއިން ގިނަ ކަންތައްތަކެއް ހާސިލުކުރެވޭނެ ކަމަށް ކައިޓް ބުންޏެވެ.
ކައިޓަކީ 2012 ވަނަ އަހަރުގެ ލީގު ކަޕް ފައިނަލުގައި ލަނޑެއް ޖަހައި، ލިވަޕޫލްއަށް ތަށި ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔެކެވެ. އޭނާއަކީ ލިވަޕޫލް އާއި، ނެދަލަންޑްސްގެ ފެޔެނޫޑް އަދި ފެނެބާޗޭ ފަދަ މަޝްހޫރު ކުލަބުތަކަށް ކުޅެފައިވާ ފޯވާޑެކެވެ.
ކައިޓް ވަނީ ނެދަލަންޑްސްގެ ގައުމީ ޓީމަށް 100 އަށްވުރެ ގިނަ މެޗު ކުޅެދީފައެވެ. އަދި 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގައި ނެދަލަންޑްސްއިން ހޯދި ކާމިޔާބީގައި މުހިންމު ދައުރެއް އަދާކުރިއެވެ.
780،000 އަށް ވުރެ ގިނަ އިންސްޓަގްރާމް ފޮލޯވަރުން ތިބި ކައިޓްގެ މި ދަތުރުގެ ސަބަބުން ރާއްޖޭގެ ބްރޭންޑް ވިޒިބިލިޓީ ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) އިން ބުނެއެވެ.