ޚަބަރު

ތިލަފުށީ، ބައިނަލްއަޤްވާމީ ޕޯރޓުގެ މަސްޓަރޕްލޭން ހަދައިދޭނެ ފަރާތެއް ހޯދަނީ


މާލެއަތޮޅު ތިލަފުށީގައި ތަރައްޤީކުރާ ބައިނަލްއަޤްވާމީ ޕޯރޓުގެ މާސްޓަރ ޕްލޭން ހެދުމާއި، ޑީޓެއިލް ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ކުރައްވާފައިވާ އިޢުލާނެއްގައިވަނީ އިކޮނޮމިކް މިނިސްޓްރީން ތިލަފުށީގައި ކުރިއަށްގެންދާ ބައިނަލްއަޤްވާމީ ޕޯރޓު ތަރައްޤީ ކުރުމަށްޓަކައި މާސްޓަރޕްލޭނެއް ހެދުމާއި، ޕޯރޓުގެ ޑީޓެއިލް ޑިޒައިނާއި ޓެންޑަރ ޑޮކިއުމަންޓް ތައްޔާރުކޮށްދޭނޭ ކޮންސަލްޓަންސީ ފަރމެއް ހޯދަން ބޭނުންވާ ކަމަށެވެ. އަދި މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ބައިނަލްއަޤްވާމީ ފަރާތްތަކުން ޓާރމްސް އޮފް ރިފަރެންސް، ޓީ.އޯ.އާރްއާ އެއްގޮތަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ފުރުޞަތު މިމަހުގެ 28ގެ ނިޔަލަށް އެ މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ކޮލިޓީ ކޮސްޓް ބޭސްޑް ސިލެކްޝަން (ކިއު.ސީ.ބީ.އެސް) އުޞޫލުންކަމަށާއި، ދިވެހި ސަރުކާރުން ހިތްވަރު ދެނީ ބައިނަލްއަޤްވާމީ ފަރމްތަކުން ދިވެހި ފަރމްތަކުގެ ބައިވެރިވުމާއެކު އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމަށް ކަމަށެވެ.

ތިލަފުށީގައި ތަރައްޤީކުރާ ބައިނަލްއަޤްވާމީ ޕޯރޓުގެ މާސްޓަރޕްލޭނާއި ޑީޓެއިލް ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފައިވާއިރު، ތިލަފުށީގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް، މިއަހަރުގެ ފަހުކޮޅު ފެށިގެންދާނެކަމަށް ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ދެއްވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެފައިވެއެވެ.

އަދި ރާއްޖެއަކީ ގާތްގަނޑަކަށް ހުރިހާ ކަމަކަށްހެން އިމްޕޯޓަށް ބަރޯސާވެފައިވާ ޤައުމަކަށްވާއިރު، މާލޭ ކޮމާރޝަލް ހާބަރަށް ދިމާވެފައިވާ ތޮއްޖެހުންތަކަށް ހައްލެއް ލިބި، ރާއްޖޭގެ ކަނޑުގެ ބަނދަރުގެވެސް ކެޕޭސިޓީ އިތުރުވެގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.