ޚަބަރު

ޑިފެންސް މިނިސްޓަރ މަޖިލީހަށް ހާޒިރުކުރަނީ


ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ނިންމައިފިއެވެ. ޑިފެންސް މިނިސްޓަރ މަޖިލީހަށް ޙާޒިރުކުރާނެކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރ ދާދި ފަހުން އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި އެޤައުމުގެ މީޑިއާއަށް ދެއްވި އިންޓަރވިއުއެއްގައި އިންޑިއާ އިން ބޭނުން ނަމަ، ރާއްޖެ ހިފިދާނެ ކަމަށް ވިދާޅުވެފައިވާކަމަށް ތުހުމަތުކޮށް ގިނަ ބައެއްގެ ފާޑުކިއުން އެކަމަނާއަށް އަމާޒުވިއެވެ.

އިންޑިއާ އިން ބޭނުންވެގެން ރާއްޖެ ހިފަން އުޅޭނަމަ، އެކަން ހުއްޓުވަން ކުރާނެ ކަމެއް އެނގިވަޑައިނުގަންނަވާ ޑިފެންސް މިނިސްޓަރ ވިދާޅުވެފައިވާކަމަށްވެސް މީޑިއާގައި ތުހުމަތުކުރެވުނެވެ. އަދި އެ ޤައުމުގެ ރާޑަރުތައް ރާއްޖޭގައި ހަރުކުރުމަށް އެއްބަސްވެފައިވާކަމަށްވެސް ތުހުމަތުކުރިއެވެެ.
މިކަމާއި ގުޅިގެން ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ޑިފެންސް މިނިސްޓަރ މާރިޔާ އަޙުމަދު ދީދީ އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ ނޫހަކަށް ދެއްވި އިންޓަވިއުގައި ދެއްވެކި ވާހަކަ ފަތުރަމުންދަނީ ޤައުމުގެ ސުލްހަމަސަލަސްކަން ގެއްލުވާލައި ސިޔާސީ މަންފާ ހޯދުމަށްކަމަށެވެ.

ޑިފެންސް މިނިސްޓްރީން ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވެފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅު ޑިފެންސް މިނިސްޓަރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެޤައުމުގެ ނޫހަކަށް ދެއްވި ބަސްދީގަތުމުގައި ވިދާޅުވި އެއްޗެއް އާންމު ރައްޔިތުންނަށް އޮޅޭގޮތަށް ބައެއް ފަރާތްތަކުން ޚަބަރު ފަތުރަމުންދާކަަމަށެވެ.

ޑިފެންސް މިނިސްޓަރ މަޖިލީހަށް ހާޒިރުކުރުމަށް މަސައްކަތްކުރައްވާއިރު، ހައުސިންގ މިނިސްޓަރ އައިމިނަތު އާޠިފާވެސް މަޖިލީހަށް ޙާޒިރުކުރުމަށް ވަނީ ނިންމާފައެވެ.