ޚަބަރު

"ކޮބާ ސާފު"ގެ ނަމުގައި ސާފުކުރުމުގެ ޙާއްސަ ޗެލެންޖެއް ފަށަނީ


މޯލްޑިވްސް ޔޫތުން އިސްނަގައިގެން "ކޮބާ ސާފް" ގެ ނަމުގައި ސާފުކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް ނިންމައިފިއެވެ.

މި ހަރަކާތާއި ގުޅޭގޮތުން ޕީ.އެސް.އެމްއަށް ނިއުސްއަށް މަޢުލޫމާތުދެމުން މޯލްޑިވްސް ޔޫތްގެ ރައީސް ހަސަން ޝަހީދު، ވިދާޅުވީ މި ޕްރޮގްރާމަކީ ރަށު ތެރެ ސާފު ކުރުމުގެ ގޮތުން ހިންގާ ޕުރޮގްރާމެއް ކަމަށާއި، މި ޕްރޮގްރާމްގައި މިހާރުވެސް ގިނަ ޢަދަދެއްގެ އަމިއްލަ ފަރާތްތަކާއި ކުންފުނިތަކާއި ސަރުކާރުގެ އެކި މުއައްސަސާތަކުން ބައިވަރުމުން އަންނަ ކަމަށެެވެ.

އަދި މި ޙަރަކާތް ހިނގަމުން އަންނަތާ މިހާރު ހައެއްކަ ދުވަސް ވެދާނެ ކަމަށް އެފަރާތުން ބުންޏެވެ. ރަސްމީ ގޮތެއްގައި މިޙަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު ހުޅުމާލޭގައިކަމަށްވެސް މޯލްޑިވްސް ޔޫތުން ބުނެއެވެ.

ޝަހީދު ބުނި ގޮތުގައި މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ޗެލެންޖެއްގެ ގޮތަށެވެ. މި ޗެލެންޖްގައި ކޮންމެ މީހަކުވެސް ސާފު ކުރުމަށްފަހު ސޯޝަލް މީޑީއާއަށް ފޮޓޯ ލައި، އެ ފޮޓޯ ފަސް މީހުންނަށް ޓެގް ކުރަން ޖެހެއެވެ. "ކޮބާ ސާފް" ޕޮރޮގްރާމް ހުޅުމާލޭގެ އިތުރުން އަތޮޅުތަކުގައިވެސް ފެށުމަށް ހަމަޖެހިފައިވާކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. މޯލްޑިވްސް ޔޫތަކީ އިޖްތިމާޢީ ކަންތައްތަށް ކުރިއަށް ގެންދިއުމަށް އުފައްދާފައިވާ އަމިއްލަ ޖަމްޢިއްޔާ އެކެވެ.