ވިޔަފާރި

ނެޝަނަލް އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯ އަންނަ މާރޗުމަހުގެ 4-5 ދަރުބާރުގޭގައި


ހިއުމަން ރިސޯސްގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެކްސްޕޯ އަންނަ މާރޗްމަހު ބޭއްވުމަށް ނިންމައިފިއެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް، މާޕްއިން އިންތިޒާމްކޮށްގެން ބާއްވާ "ނެޝަނަލް އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯ ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 4-5 އަށް ދަރުބާރުގޭގައެވެ.
މިކަމާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޖަމިއްޔާގެ ރައީސް ހުސެއިން އަފީފް ވިދާޅުވީ، މި ކޮންވެންޝަންގައި ދުނިޔޭގެ އެކި ހިސާބުތަކުން ހިއުމަން ރިސޯސް ދާއިރާގެ ތަޖްރިބާކާރުން ބައިވެރިވެ ވާހަކަދެއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"
އަޅުގަނޑުމެންގެ ސްޕީކަރުންގެ ތެރޭގައި ސްވިޑަންގ، ސިންގަޕޯ، އިންޑިއާ، ސްރީލަންކާ އަދި ޔުނައިޑަޓް ކިންގްޑަމް އަދި ދުނިޔޭގެ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓްގެ އެންމެ ފާހަގަކޮށްލެވޭ ޕްރޮފެޝަނަލް ބޭފުޅުން ބައިވެރިވާނެ. މީގެ އިތުރުން ސީއައިޕީޑީގެ ވެސް ވަރަށް އިސް ބޭފުޅަކު ވާހަކަދައްކަވާނެ. މީގެ އިތުރުން ރާއްޖޭގެ 20 އެޗްއާރު ޕްރޮފެޝަނަލްސް ބައިވެރިވެ ވާހަކަދައްކާނެ
މާޕްގެ ރައީސް ހުސައިން އަފީފް

ނެޝަނަލް އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީވުމަށް މިހާރު ހުޅުވާލާފައިވާއިރު، މާޕްގެ މެމްބަރުންނަށް ރަޖިސްޓްރޭޝަން ފީގައި ލުއިތަކެއް ދިނުމަށް ހަމަޖެހިފައިވާކަމަށް ހުސެއިން އަފީފް ވިދާޅުވިއެވެ.

"
އަހަރުވެފައިވާ މެމްބަރުންނަށް ޗާޖު މިކުރަނީ 99 ޑޮލަރު، މިއަހަރު މާޕްގެ މެމްބަރޝިޕްގައި ބައިވެރިވެގެން ކޮންވެންޝަންގައި ބައިވެރިވާކަމުގައިވާ ނަމަ 129 ޑޮލަރު ދައްކަންޖެހޭ، އާއްމު ހައިސިއްޔަތަކުން، މިސާލަކަށް ވިޔަފާރިވެރިއެއްގެ ހައިސިއްޔަތުން ބައިވެރިވާނަމަ 149 ޑޮލަރު ރަޖިސްޓްރޭޝަންއަށް ދައްކަން ޖެހޭނެ، ދެން ކުންފުނިތަކުން ގިނަ މީހުން ބައިވެރިވާނަމަ ޑިސްކައުންޓް އަގުތަކެއް ހަމަޖެހޭނެ.
އަފީފް

މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް، މި ޖަމިއްޔާއަކީ ހިއުމަން ރިސޯސް ދާއިރާއިން ވިޔަފާރިވެރިން ބިނާކުރުމަށް ރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ޖަމުޢިއްޔާއެވެ. އެޖަމްޢިއްޔާއިން ދަނީ ދަނީ އެޗްއާރު ދާއިރާއިން ޒުވާނުން ހޭލުންތެރިކުރުވުމަށްޓަކައި ސިލްސިލާކޮށް އެކި ވޯރކްޝޮޕްތަކާއި ފޯރަމްތައް ބާއްވަމުންނެވެ.