ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހދ. ކުމުންދޫ ކައުންސިލްގެ މެންބަރުންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ.
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައިހުރި ކަންކަމުގެ މަޢުލޫމާތާއި ރަށުގެ ކުރިއެރުމަށްހުރި ދަތިތައް ވަނީ ރައީސުލްޖުމްހޫރިއްޔާއާ ވަނީ އޮޅުންފިލުވައި ދެއްވައިފައެވެ.
މި ބައްދަލުވުމުގައި ކުމުންދޫ ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ކައުންސިލް އިދާރާއަށް ބޭނުންނާ ވަޞީލަތްތައް މަދުވުމުގެ ސަބަބުން ދިމާވާ ދަތިތައް ވަނީ ޙިއްޞާ ކުރައްވާފައެވެ. އަދި ރަށުގައި ފެނާ ނަރުދަމާގެ ހިދުމަތް ނެތުމުން ދިމާވާ ގޮންޖެހުންތަކާއި، ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ޤާއިމުވެފައި ނެތުމުގެ ސަބަބުން ކުރިމަތިވާ އުނދަގޫތައް ރައީސުލްޖުމްހޫރިއްޔާއާއި ކުމުންދޫ ކައުންސިލް މެންބަރުން ވަނީ ޙިއްޞާ ކުރައްވާފައެވެ. މީގެއިތުރުން ކުމުންދޫ މިހާރުގެ ބަނދަރުގައި ދިމާވާ މައްސަލަތައް ބަޔާންކޮށްދެއްވާ އެ ބަނދަރުގެ ސާވޭއެއް ހެދުމަށްފަހު އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށްވެސް ރައީސް ޞާލިޙުގެ ކިބައިން ކުމުންދޫ ކައުންސިލް މެމްބަރުން ވަނީ އެދިވަޑައިގެންފައެވެ.
މިމޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ކުމުންދޫ ކައުންސިލް މެންބަރުން ވަނީ އެ ރަށަށް ދިމާވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އިތުރު ޖަނަރޭޓަރެއް ފޯރުކޮށްދިނުމަށާއި، ނެރުބައްތިއެއް ހޯދައިދިނުމަށް އެދިވަޑައިގަންނަވާފައެވެ. އަދި ކުމުންދޫ ސުކޫލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލެއް ހޯދައި ދެއްވުމަށާއި ހެލްތް ސެންޓަރުގައި ލެބޯޓަރީ އެއް ނެތުމުން ދިމާވާ ދަތިތައް ޙިއްޞާ ކުރައްވާ އެކަން ކަމަށް ޙައްލެއް ހޯދައި ދެއްވުމަށްވެސް ކުމުންދޫ ކައުންސިލް މެންބަރުން ވަނީ އެދިވަޑައިގެންފައެވެ. އަދި ހަމަ އެހެންމެ އެ ރަށު ޞިއްޙީ މަރުކަޒުން މިހާރު ހިދުމަތް ދޭ ވަގުތު 16 ގަޑިއިރަށް އިތުރުކޮށްދެއްވުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ. މި ބައްދަލުކުރެއްވުމުގައި ކުމުންދޫ ކައުންސިލް މެންބަރުން ވަނީ
ހދ. އަތޮޅުގައި ޓުއަރިޒަމް ތަރައްޤީކޮށްދެއްވުމަށާއި، ހަނިމާދޫ އެއާޕޯޓު މިހާރަށްވުރެ ތަރައްޤީކޮށްދެއްވުމަށް ރައީސް ޞާލިޙުގެ ކިބައިން އެދިވަޑައިގެންފައެވެ.
މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުގެ މުއައްސަސާތަކާއި އެގޮތަށް ބައްދަލުކޮށްލައްވަނީ ރައްޔިތުންގެ އަޑު ވީހާވެސް ގާތުން އަހައި ކައިރި މުސްތަޤުބަލެއްގައި ރައްޔިތުން ބޭނުންވާ ކަންކަން ފަހިކޮށްދެއްވުމަށް ކަމަށެވެ. އަދި ވިދާޅުވީ ކުމުންދޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމާއި ގުޅޭގޮތުން މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މިއަހަރު ބަޖެޓުގައި ކަނޑައަޅުއްވާފައިވާ ކަންތައްތައްވެސް ވަރަށް އަވަހަށް ފެށިގެން ކުރިއަށްދާނެކަމަށެވެ.