ޚަބަރު

މަސްވެރިކަމަށް އެމުގެ ބަދަލުގައި އެހެން އެއްޗެއް ބޭނުންކުރެވިދާނެތޯ ބަލަނީ


ރާއްޖޭގައި މަސްވެރިކަން ކުރުމަށް އެމުގެ ބަދަލުގައި އެހެން އެއްޗެއް ބޭނުންކުރުމާ ގުޅޭގޮތުން ދިރާސާ ކުރަމުންދާ ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޕީއެސްމްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އާދަމް މަނިކު ވިދާޅުވީ މަސްވެރިކަން ކުރުމުގައި އެން ހޯދުމުގައި މަސްވެރިންނަށް ދަތިތަކެއް ކުރިމަތިވަމުންދާކަމަށެވެ. އެގޮތުން އެން ލިބުމުގައި ދަތިތަކާ ކުރިމަތިވަމުންދާކަމަށާއި، އެން ހޯދުމުގެ މަސައްކަތް ކުރުމަށް މަސްވެރިން ވަރަށް އަޑިއަށް ފީނަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. އާދަމް މަނިކު ވިދާޅުވީ މަސްވެރިކަން ކުރުމަށް އެމުގެ ބަދަލުގައި އެހެން އެއްޗެއް ބޭނުންކުރެވިދާނެތޯ ބެލުމަށް ދިރާސާ ކުރަމުންދާ އަންނަ ކަމަށެވެ.

''މީގެ ޙައްލަކީ އެމުގެ ބަދަލުގައި ކޮންމެވެސް އެހެން އޯލްޓަރނޭޓިވް އެއް ބޭނުން ކުރެވިދާނެ ތޯ މިނިސްޓްރީން ރިސާރވް ފަށައިގެން މިއުޅެނީ. މިސަރަޙައްދުގެ އެހެން ޤައުމުތަކުގައިވެސް އޯލްޓަރނޭޓިވް އެބަ ބޭނުންކުރޭ އިންޑޮނޭޝިއާ، ފިލިޕީންސް ކަހަލަ ޤައުމުތަކުގައި'' - ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އާދަމް މަނިކު ވިދާޅުވިއެވެ.

އާދަމް މަނިކު ވިދާޅުވީ، ކ. މަނިޔަފުށީގައި ހަދާ ރިސާރޗް ސެންޓަރުގެ މަސައްކަތް އަންނަ އަހަރު ނިމޭނެ ކަމަށާއި މިކަމުގެ މަސައްކަތްތަށް އެސެންޓަރުގައި ކުރުމަށް ރާވާފައިވާ ކަމަށެވެ. އެމުގެ މަސްވެރިކަމަކީ ވަކި މަސްވެރިކަމެއްގޮތުގައި ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ކުރަމުންދާ މަސްވެރިކަމެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ރާއްޖޭގައި މިކަން މިހާރު ކުރާގޮތަށް ބަދަލު ގެނެވިދާނެތޯ ދިރާސާކުރާނެކަމަށެވެ.