ވިޔަފާރި

އިންޓަނޭޝަނަލް ޓޫރިޒަމް އެކްސްޗޭންޖް ފެއަރ ގައި ރާއްޖެއިން ބައިވެރިވެއްޖެ


އިންޓަނޭޝަނަލް ޓޫރިޒަމް އެކްސްޗޭންޖް ފެއަރ ބީއައިޓީ ގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ. މިއީ އިޓަލީގެ މިލާންގައި މިމަހުގެ 10 އަކުން 12 އަށް ކުރިއަށްދާ ފެއާ އެކެވެ.

އެމްއެމްޕީއާރުސީއާއި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 10 ކުންފުންޏަކުން 17 ފަރާތަކުން މި ފެއަރގައި ރާއްޖެ ތަމްސީލްކުރާނެއެވެ. ރާއްޖޭގެ ވަފުދުގައި އެންމެ އިސްކޮށް ހުންނަވާނީ އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުޙައްމަދެވެ.

ބީއައިޓީ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ ގިނަ ބަޔަކަށް އިޤްތިސާދީ ގުޅުންތައް ރަނގަޅު ކުރުމަށްޓަކައި ލިބިގެންދާ ރަނުގެ ފުރުސަތެކެވެ. "ފިއޭރާ މިލާނޯ "އިން އިންތިޒާމްކޮށްގެން ކުރިއަށް މިދާ ފެއާރ އަކީ 1980 ވަނަ އަހަރުން ފެށިގެން މިލާންގައި ބާއްވަމުން އަންނަ ފެއާރއެކެވެ. ބީއައިޓީގައި 2018 ވަނަ އަހަރުވަނީ 46،000 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި އިޓަލީ އަދި ބައިނަލްއަގުވާމީ ފަރާތްތަކުން އެކްރެޑިޓްކުރެވިފައިވާ 2550 ފަރާތަކާއި 500 ޓްރެވަލް ބްލޮގަރުން، ހިމެނެއެވެ.

ބީއައިޓީގެ ފެއާގައި އެމް.އެމް.ޕީ.އާރް.ސީގެ އޮފިޝަލުން އިޓަލީގެ ބޮޑެތި ޓުއަރ އޮޕަރޭޓަރުންނާ ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުންނާއި ބައްދަލުކޮށް އިޓަލީގެ މާރކެޓްގައި ރާއްޖެ އިޝްތިހާރު ކުރެވިދާނެ ގޮތްތައް ދެނެގަންނާނެއެވެ.
މި ފެއަރގައި ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްފައިވަނީ، އިޓަލީގެ ފަތުރުވެރިން ރާއްޖެ އަންނަ ސަބަބުތައް ދެނެގަނެ ރާއްޖޭގެ ރީތިކަން ފެންނާނެފަދަ ގޮތަކަށްކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

އިޓަލީއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ 5 ޤައުމުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. 2018 ވަނަ އަހަރު އިޓަލީން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 2017 ވަނަ އަހަރާއި އަޅާބަލާއިރު %18.5 އިތުރުވެފައެވެ.