ފ. މަގޫދޫގައި ހުންނަ އިޓަލީގެ ޔުނިވަރސިޓީ އޮފް މިލާނޯ-ބިކޯކާގެ އައުޓްޕޯސްޓް ކުރިއަށްއޮތް އޮތް 10 އަހަރުވެސް ހިންގުމަށް ނިންމައިފިއެވެ. 2009 ވަނަ އަހަރު މަގޫދޫގައި ޤާއިމުކުރި އިޓަލީގެ ޔުނިވަރސިޓީ އޮފް މިލާނޯ-ބިކޯކާގެ އައުޓް ޕޯސްޓްގައި ކިޔަވައިދެނީ މެރިން ބައިލޮޖީއެވެ.
މަގޫދޫގައި އިޓަލީގެ ޔުނިވަރސިޓީ އޮފް މިލާނޯ-ބިކޯކާގެ އައުޓްޕޯސްޓް ހިންގާތާ 10 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކުރިއަށްއޮތް 10 އަހަރުވެސް އެތަން ހިންގުމުގެ ރަސްމީ އެއްބަސްވުން ބަދަހިކޮށް މިކަމާބެހޭ އެއްބަސްވުން ދިވެހި ސަރުކާރާއި މިލާނޯ-ބިކޯކާ ޔުނިވަރސިޓީއާ ދެމެދު ވަނީ ބަދަލުކޮށްފައެވެ. އަދި މަގޫދޫގައި ބިކޯކާ ޔުނިވަރސިޓީގެ އައުޓް ޕޯސްޓް ހިންގަމުންގެންދާ ބިން 10 އަހަރަށް ދޫކުުރުމުގެ އެއްބަސްވުމުގައި އެ ޔުނިވަރސިޓީއާއި މަގޫދޫ ކައުންސިލާ ދެމެދު ވަނީ ސޮއިކޮށްފައެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ބިކާކޯ ޔުނިވަރސިޓީން ރާއްޖޭގެ ފަރުތަކާ ގުޅޭގޮތުން ހަދަމުންދާ ދިރާތައް ހުއްޓުމެއްނެތި ކުރިއަށްގެންދިއުމަށް އެދިވަޑައިގަންނަވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ ގެއްލުންތައް ކުޑަކުރުމަށް ފަރުތަކަކީ ރައްކާތެރިތަނަކަށް ހަދަންޖެހޭކަމަށެވެ. މިކަން ކަށަވަރު ކުރުމަށް ފަރުތަކުގެ ހާލަތު ރަނގަޅަށް ވަޒަންކުރަންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖެއަށް ތަރައްޤީ ގެންނަން ޖެހޭނީ ގުދުރަތީ ވަސީލަތްތަކާއި ގުދުރަތީ ރީތިކަން ހަލާކުނުކޮށް ކަމަށާއި، ރާއްޖޭގެ ގުދުރަތީ ވެށި އަންނަންއޮތް ޖީލުތަކަށް ވާސިލުކޮށްދޭންޖެހޭކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.
""ރާއްޖޭގެ ފަރުތައް ރައްކާތެރިތަނަކަށް ހަދަންޖެހޭ. އެކަންކުރުމަށްޓަކައި އެތަންތަނުގެ ހާލަތު ބަލަހައްޓަންޖެހޭ. ދުނިޔޭގެ ފިނިހޫނުމިނަށް ބަދަލުތަކެއް އަންނަމުންދާއިރު ކްލައިމެޓަށް ވެސް ބަދަލުތަކެއް އަންނަމުންދާއިރު ދިވެހިންނަށް މި ބަދަލާއެކު އުޅެވޭނެ ގޮތް ބަލަން ޖެހޭ"ރައީސް ނަޝީދު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިޓަލީން ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރިޓާ ޖޫލިއާނާ ވިދާޅުވީ ރާއްޖޭގައި ބިކޯކާގެ އައުޓް ޕޯސްޓެއް ޤާއިމްކުރެވިގެން ދިއުމަކީ ރާއްޖެއާއި އިޓަލީއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދިޔަ ކަމެއް ކަމަށެވެ.
މަގޫދޫގައި ހުންނަ އިޓަލީގެ ޔުނިވަރސިޓީ އޮފް މިލާނޯ-ބިކޯކާގެ އައުޓް ޕޯސްޓަކީ ދުނިޔޭގެ އެކި ކަންކަޅުތަކުގައި ހުރި އެ ޔުނިވަރސިޓީގެ ކެމްޕަސްތަކުގައި މެރިން ބައިލޮޖީ ކިޔަވާ ދަރިވަރުން ޢަމަލީ ތަމްރީނު ހޯދައި، ފަރުތަކާބެހޭ ދިރާސާތައް ހެދުމަށް އަންނަ ތަނެކެވެ. އެ ޔުނިވަރސިޓީން ބުނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން މެރިން ސައިންސް ކިޔަވާ ދަރިވަރުންނަށްވެސް އެ އައުޓްޕޯސްޓުން ތަމްރީނު ހެދުމުގެ ފުރުޞަތު ލިބިގެންދާނެކަމަށެވެ.
ރާއްޖޭގައި ބިކޯކާ ޔުނިވަރސިޓީގެ އައުޓް-ޕޯސްޓެއް ޤާއިމްކުރުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.