ޚަބަރު

ޖަޕާނާއެކު ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވުނު- މިނިސްޓަރ


ރާއްޖެއާއި ޖަޕާނާއި ދެމެދު ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުކޮށް ކުރިއެރުވުމާއި ގުޅޭގޮތުން ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވިފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.ޖަޕާންގައި ހުންނަވާ އެމްބީސީއާއި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ، ޖަޕާންގެ އިގްތިޞާދާއި ވިޔަފާއިއާއިބެހޭ ވަޒީރާއި ބައްދަލުކުރައްވާ ސަރުކާރުން ރާއްޖޭގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ މަޝްރޫއުތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށެވެ. މިކަމާއިގުޅޭ އިތުރު ތަފްސީލް ފަހުން ހާމަކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ.މިނިސްޓަރ ޖަޕާނަށާއި ޗައިނާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ، އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢު އަވަސްކުރުމަށް، ކަމާބެހޭ ފަރާތްތަކާއި މަޝްވަރާކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި އެއަރޕޯޓްގެ ތަރައްޤީގެ މަޝްރޫއަށް ބޭނުންވާ ފައިސާ އަވަސް މުއްދަތެއްގެ ތެރޭގައި ހަމަޖެއްސުމަށް އެޤައުމުތަކުގެ ސަރުކާރާ ބޭންކުތަކާ މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެމަޝްރޫޢަށް ބޭނުންވާ ލޯން އަވަސްކުރުމުގެ ގޮތުން ޖަޕާނުގެ ބޭންކް ފޮ އިންޓަނޭޝަނަލް ކޯޕަރޭޝަނާއި،  ޗައިނާގެ އެގްޒިމް ބޭންކާ މަޝްވަރާ ކުރެއްވުމާއި، އެއަރޕޯޓް މަޝްރޫއަށް ބޭނުންވާ ލޯނު ވީއެންމެ އަވަހަކަށް ހަމަޖައްސަވައި ދެއްވުމަށް ސަރުކާރުގެ ފަރާތުން ހުށައެޅުއްވުމަށްވަނީ ނިންމަވާފައެވެ.