ޚަބަރު

އިޖުތިމާޢީ ގިނަ މައްސަލަތައް އުފެދޭ އެއް ސަބަބަކީ މަރުކަޒީ އުސޫލުން ކަންކަން ހިންގުން - ރައީސް


ރާއްޖެއަށް ދިމާވެފައިވާ އިޖުތިމާޢީ ގިނަ މަސައްލަތައް އުފެދެން ދިމާވާ އެންމެބޮޑު އެއްސަބަބަކީ މަރުކަޒީ އުސޫލުން ކަންކަން ހިންގުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ލާމަރުކަޒީ ޤާނޫނު އިޞްލާޙް ކުރަން ރައްޔިތުން މަޖިލީހަށް ހުށަހެޅުމުގެ ކުރިން އެކަމަށް ތައްޔާރުވުމަށްޓަކައި މިއަދު ހެނދުނު ކުރިއަށްދިޔަ ސިޓީ އަދި އަތޮޅު ކައުންސިލްތަކުގެ މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާވަނީ ކައުންސިލްތަކުގެ ބާރު ހަނިކުރުމަށްޓަކައި ޤާނޫނަށް ގެނެސްފައިވާ އިސްލާޙުތަކަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވާފައެވެ. އެމަކުފާނު ވިދާޅުވީ ކައުންސިލްތައް ބާރުވެރިކޮށް ޤާނޫނީގޮތުންނާއި މާލީގޮތުން ހިންދެމިލެވޭނެ ފުރުސަތު ކައުންސިލްތަކަށް ދޭންޖެހޭކަމަށެވެ. މިހާރު ރާއްޖޭގައި ހިންގަމުންދާ ލާމަރުކަޒީ ނިޒާމު ބައްޓަންވެފައި އޮތީ ދުނިޔޭގެ އެމަނިކުފާނު ދަންނަ އެއްވެސް ތަނެއްގައި މިފަދަ ނިޒާމެއް ބައްޓަންކޮށްފައިވާ ގޮތަކަށް ނޫންކަމަށާ، މި ނިޒާމު ހަރުދަނާކުރުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން މިނިޒާމު ހިންގަން ހުރަސްއެޅޭގޮތަށް ހުރި ޤާނޫނުތަކާއި އުސޫލުތައް އިސްލާޙުކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފަނުގެ ސަރުކާރުގެ ތަޞައްވުރުގައި ލާމަރުކަޒީ ނިޒާމަކީ ސިޓީއެއްގެ ނުވަތަ އަތޮޅެއްގެ ނުވަތަ ރަށެއްގެ ހުރިހާކަމެއް އެތަނެއްގައި ދިރިއުޅޭ މީހުން ބޭނުންވާގޮތަކަށް ރާވައި ހިންގުމުގެ ހުރިހައި ބާރަކާއި އިޚްތިޔާރެއް އެތަނެއްގައި ދިރިއުޅޭ ބައެއްގެ އަތްމައްޗަށް ދޫކޮށްލުންކަމަށް ރައީސް ވިދާޅުވިއެވެ.
މިއަދު ފެށި މަހާސިންތާ އަމާޒުކުރެވިފައި ވަނީ، ރަށްވެހިކަމުގެ ޚިދުމަތްތައް ދިނުމުގައި، ކައުންސިލްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ އެކަންތައް ޙައްލުކުރުމާ ގުޅޭ ގޮތުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ލާމަރުކަޒީ ޤާނޫނު އިޞްލާޙްކުރާއިރު، މުޅިނިޒާމު އެކުގައި އިޞްލާޙްވެގެންދާފަދަ ގޮތަކަށް މަޝްވަރާކުރުމަށް މަހާސިންތާގެ ބައިވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ.