ވިޔަފާރި

ބޭރުގެ ބޮޑެތި ބޭންކުތައް ރާއްޖެ ގެނައުމަށް ދަނީ މަސައްކަތް ކުރަމުން - ފިނޭންސް މިނިސްޓަރު


ބޭރުގެ ބޮޑެތި ބޭންކުތައް ރާއްޖެއަށް ގެނައުމަށް، މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބޭރުގެ ބޮޑެތި ބޭންކުތައް ރާއްޖެއަށް ގެނައުމަށްޓަކައި ކަމާއި ގުޅޭ ފަރާތްތަކާއި އެކު މަޝްވަރާތައް ކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވިއެވެ.
މިނިސްޓަރ އަމީރު ވިދާޅުވީ ބޭރުގެ އިންވެސްޓްމަންޓް ބޭންކުތަކާއި ސްމޯލް މީޑިއަމް އެންޓަރޕްރައިޒް ބޭންކުތައް ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

ރާއްޖެ އިސްލާމިކް ފައިނޭންސް ހަބެއްގެ ގޮތުގައި ތަރައްޤީކުރުމަށް ސަރުކާރުގެ މެނިފެސްޓޯގައިވެސް ހިމަނާފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު އަމީރު ވިދާޅުވީ އެކަމުގެ ސަބަބުން ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާވެގެންދާތަން ފެންނާނެ ކަމަށެވެ.

"
އަޅުގަނޑުމެން އެބަ މަސައްކަތްކުރަން ރާއްޖެއަށް ބޭރުގެ ބޮޑެތި ބޭންކުތައް ގެންނަން، އިންވެސްޓްމަންޓް ބޭންކްތަކާއި ސްމޯލް މީޑިއަމް އެންޓަރޕްރައިސް ބޭންކްތައް. އޭގެ އިތުރުން އަޅުގަނޑުމެން މެނިފެސްޓޯގަ ފާހަގަކޮށްފަ ވާނެ ރާއްޖެ އިސްމާލިން ފައިނޭންސް ހަބެއްގެ ގޮތުގައި ޑިވެލޮޕްކުރަން، މިއާއިއެކު ރާއްޖޭގެ މާލީ ނިޒާމު އިތުރަށް ފުޅާވެގެންދާނެ
ފިނޭންސް މިނިސްޓަރު އަމީރު

މިނިސްޓަރު އަމީރު ވިދާޅުވީ، ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި މާލީ ނިޒާމަށް ގެންނަން ޖެހޭ ބަދަލުތައް ހަލުވިކަމާއި އެކު ގެންނަމުންދާ ކަމަށެވެ. ރާއްޖޭގެ މާލީ ދާއިރާ ދުޅަހެޔޮ ސިއްޚަތެއްގައި އޮތުމަކީ ރާއްޖޭގެ އިޤްތިސާދު ކުރިއަރައިގެން ދިޔުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމެއްކަންމިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.