ޚަބަރު

އިސްރާއީލުން ފަލަސްތީނުގެ ދެމީހެއްގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލައިފި


އިސްރާއީލުން ފަލަސްތީނުގެ ދެމީހެއްގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލައިފިއެވެ.

މި ޖަރީމާ އިސްރާއީލުން ހިންގީ އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިޢުމާރާ ދެކޮޅަށް ފަލަސްތީނު ރައްޔިތުން ކުރަމުންގެންދާ ޖިހާދުގެ ހަރަކާތްތަކުގައި އިސްރާއީލާ ދެކޮޅަށް އަޑުއުފުލަމުން ދަނިކޮށް ޣައްޒާގެ ސަރަހައްދީ ރޮނގުގައިކަމަށް ފަލަސްތީނުން ބުނެއެވެ.

ޣައްޒާގައި ހުންނަ ފަލަސްތީނުގެ ސިއްހަތާބެހޭ އިދާރާއިން ބުނީ، އިސްރާއީލުން އިއްޔެ ބަޑިޖަހައި ޝަހީދުކޮށްލި ދެ މީހުންގެ ތެރެއިން އެކަކީ އުމުރުން ސާދައަހަރުގެ ކުއްޖެއްކަމަށެވެ. އިސްރާއީލުގެ ސިފައިންވެސްވަނީ ފަލަސްތީނުގެ ދެ މީހުންގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލި ޖަރީމާ ހިންގި ކަމަށް އެއްބަސްވެފައެވެ.

ވަޒަނުން ބޭރުކޮށްލާފައިވާ ފަލަސްތީނުގެ ރެފިއުޖީން އެނބުރި ވަޒަނަށް ރުޖޫޢަވުމުގެ ޙައްޤަށް ގޮވާލައި ފަލަސްތީނުގެ ރައްޔިތުން ޣައްޒާގެ ސަރަހައްދީ ރޮނގުގައި މުޒާހަރާތައް ކުރަމުންގެންދާތާ ވަނީ ދިހަވަރަކަށް މަސްވެފައެވެ.

މި މުއްދަތުގައި އިސްރާއީލުންވަނީ ފަލަސްތީނުގެ ދުއިސައްތައަށްވުރެ ގިނަ މީހުން ޝަހީދުކޮށް އެތަށް ހާސްބަޔަކު ޒަޚަމްކޮށްލާފައެވެ. މި މުޒާހަރާތައް ހަފުތާ ބަންދުކަމަށްވާ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ބޮޑުވެ ފުޅާވަމުންދާކަމަށް މުރާސިލުން ބުނެއެވެ.