ޚަބަރު

ޚާޝުޤްޖީގެ މަރުގެ މައްސަލައިގައި ބިން ސަލްމާންގެ ދައުރެއް ނުވޭ: ސައުދީ ޚާރިޖީ ވަޒީރު


ޖަމާލްއަލްޚާޝުގްޖީ އަވަހާރަކޮށްލުމުގައި ސައޫދީ ވަލީ ޢަހްދު މުހައްމަދު ބިން ސަލްމާންގެ ދައުރެއް ނެތްކަމަށް އެގައުމުގެ ކުރީގެ ޚާރިޖީ ވަޒީރު އާދިލްއަލްޖުބައިރު ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ޚަބަރު ފަތުރާ ވަސީލަތްތަކަށް ދެއްވި ބަސްދީގަތުމެއްގައި ޖުބައިރު ވިދާޅުވީ ޚާޝުގްޖީ އަހަވާރަކޮށްލީ ސައޫދީ ސަރުކާރުގައި ހިމެނޭ ބައެއްނަމަވެސް އެއީ ސަރުކާރުން ރަސްމީ ސިފައެއްގައި ރާވައިގެން ކުރި ކަމެއްނޫން ކަމަށާ އަދި ޚާޝުގްޖީ އަވަހާރަކޮށްލުމަށް މުހައްމަދު ބިން ސަލްމާން އެއްވެސް ފަރާތަކަށް އަމުރުކުރައްވާފައި ނުވާކަމަށެވެ.

އާދިލްއަލްޖުބައިރު މިހެން ވިދާޅުވީ ޚާޝުގްޖީ އަވަހާރަކޮށްލި ޖަރީމާގެ ފަހަތުގައި ހުންނެވީ ސައޫދީ ވަލީޢަހްދު މުހައްމަދު ބިން ސަލްމާން ކަމަށް ކުރެވޭ ތުހުމަތުތަކަށް ރައްދު ދެއްވައި ވާހަކަދައްކަވަމުންނެވެ. ޚާޝުގްޖީ އަވަހާރަކޮށްލުމުގެ ފަހަތުގައި ހުންނެވީ ބިން ސަލްމާންކަމަށް އެމެރިކާގެ މަރުކަޒީ ޖާސޫސީ އިދާރާ (ސީއައިއޭ) އާ ހަވާލާދީ އެމެރިކާގެ މަޝްހޫރު ނޫހެއްކަމަށްވާ ވޮޝިންޓަން ޕޯސްޓުން ބުނެފައިވާއިރު ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންވެސް ވަނީ އެޖަރީމާ ހިންގީ ބިން ސަލްމާންކަމަށް ނުސީދާ ގޮތެއްގައި ވިދާޅުވެފައެވެ.

އުރުދުޣާން ވިދާޅުވެފައިވަނީ އިސްތަންބޫލްގައި ހުންނަ ސައޫދީ ކޮންސިއުލޭޓްގައި ޚާޝުގްޖީ އަވަހާރަކޮށްލީ ސައޫދީ އިސްވެރިއެއްގެ އަމުރަށް ކަމުގައިވާނަމަވެސް އެ ކަމަށް އަމުރުކުރެއްވީ ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ނޫންކަމަށް ވިދާޅުވެފައެވެ.

ޚާޝުގްޖީގެ މަރުގެ މައްސަލަ ބެލި އދ. ގެ ކޮމިޓީންވެސްވަނީ އޭނާ އަވަހާރަކޮށްލީ ސައޫދީ ސަރުކާރުން ދުރާލައި ރާވައިގެން ސައޫދީ އިސް މަސްއޫލުވެރިން އެކަމަށް އަމުރު ކުރައްވައިގެން ކަމަށް ބުނެފައެވެ. އެ ކޮމިޓީގެ ވެރިޔާ އެގްނެސް ކަލަމާޑް ވިދާޅުވެފައިވަނީ ޚާޝުގްޖީ އަވަހާރަކޮށްލީ އެކަންކުރުމަށް ސައޫދީ ސަރުކާރުން ތުރުކީއަށް ބަޔަކު ފޮނުވައިގެންކަމަށެވެ.

އަދި އެއީ ދުރާލައި ރާވައިގެން އެޖަރީމާ ހިންގުމަށް ޖެޓެއްގައި އިސްތަންބޫލްއަށް މީހުން ފޮނުވައިގެން ޚާޝުގްޖީ އަވަހާރަކޮށްލުމަށް ސައޫދީ ސަރުކާރުން ހިންގި ޖަރީމާއެއްކަން ތަހްގީގްތަކަށް ސާބިތުވާ ކަމަށްވެސް ކަލަމާޑް ހުކުރުދުވަހުވަނީ ވިދާޅުވެފައެވެ. ކަލަމާޑަކީ، ޙައްޤަކާ ނުލައި މަރާލާ މީހުންނާބެހޭ އދ.ގެ ޚާއްސަ ރެޕަތުއާއެވެ. ކަލަމާޑާއި އދގެ ކޮމިޓީގެ މެންބަރުން ތުރުކީ ކުރެއްވި ދަތުރު ނިންމާލެއްވީ މި ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހުއެވެ.

އިސްތަންބޫލްގައި ހުންނަ ސައޫދީ ކޮންސިއުލޭޓްގައި ޚާޝުގްޖީ އަވަހާރަކޮށްލިކަމަށް ސައޫދީ ސަރުކާރުން އެއްބަސްވެފައިވަނީ އެކަން ހިނގިތާ އަށާރަ ދުވަސްފަހުން އެމައްސަލާގައި ސައޫދީ ސަރުކާރަށް ކުރިމަތިވި ތުރުކީ އާއި ދުނިޔޭގެވެސް ފިއްތުންތަކާ ގުޅިގެންނެވެ.