ޚަބަރު

މާލޭ ސިޓީގެ އަންހެނުންގެ ކޮމިޓީން އިސް ރަށްވެހިންނަށް ޚާއްޞަ ޙަރަކާތެއް ހިންގައިފި


އިސްރަށްވެހިންގެ އަގުވަޒަންކުރުމުގެ ގޮތުން މާލޭ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ޚާއްޞަ ޙަރަކާތްތަކެއް ހިންގައިފިއެވެ.

ދޮށީއުމުރުގެ މީހުންނަށް ޚާއްސަކޮށްގެން ރަސްރަނި ބަގީޗާގައި ބޭއްވި ހަވީރުގައި، ކުރިއަށްގެންދިޔަ ޙަރަކާތްތަކުގެ ތެރޭގައި އިސްރަށްވެހިންނަށް އަޅާލުމާއި އިޙްތިރާމް ކުރުމާ ގުޅޭ ގޮތުން ދީނީ ނަސޭހަތް ދިނުމާއި ގޭތެރޭގައި ދިމާވެދާނެ އަލިފާނުގެ ޙާދިސާތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭ ގޮތުން މަޢުލޫމާތު ދިނުންވެސް ހިމެނެއެވެ.

މި ޙަރަކާތާ ގުޅޭ ގޮތުން މަޢުލޫމާތު ދެއްވަމުން މާލޭ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ރައީސާ އަޒްހާ ޒަމީރު ވިދާޅުވީ، އަންހެނުންގެ ކޮމިޓީގެ ފަރާތުން އިސްރަށްވެހިންނަށް މިފަދަ ޙަރަކާތެއް ހިންގުމުގެ ބޭނުމަކީ އެމީހުންގެ އަގުވަޒަކޮށް އުފާވެރި ވަގުތެއް ހޭދަކޮށްލުމުގެ މާހައުލެއް ޤާއިމްކޮށްދިނުން ކަމަށެވެ.

ދޮށީއުމުރުގެ މީހުން ކުރިއަށްގެންދިޔަ މި ޙަރަކާތުގައި، ދުޅަހެޔޮ ކާނާ ގެ މަޢުލާމާތާއި، އައިސް ބްރޭކް އަދި ލުއި ކަސްރަތުގެ ހަރަކާތެއްވެސް ހިންގާފައިވެއެވެ.

މިހަވީރުގައި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ސިފާ މުޙައްމަދާއި، އިސްރަށްވެހިންނާއި، އަންހެނުންގެ ކޮމިޓީގެ މެންބަރުން ވަނީ ބައިވެރިވެފައެވެ. މި ހަވީރު ބާއްވާފައިވަނީ އަމިއްލަ ޖަމްއިޔާތަކާއި ބައެއް ފަރާތްތަކުގެ އެހީތެރިކަމާއެކު ކަމަށް މާލޭ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން މަޢުލޫމާތު ދެއެވެ.