ޚަބަރު

ހިލޭ 500 ހެލްމެޓު ލިބޭ ރޯޑް ޝޯއެއް ސޮލަރެލްއިން އައްޑޫގައި ފަށައިފި


ދިރާގާއި މޯލްޑިވްސް ޕޮލިސް ސާވިސް އާއި ސޮލަރެލް އިންޝުއަރެންސް ގުޅިގެން "ސޮލަރެލް ސޭފްޓީ ރޯޑްޝޯ 2019" ގެ ނަމުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ ގޮތުން ހިލޭ ހެލްމެޓް ލިބޭ ޕުރޮމޯޝަނެއް އައްޑޫގައި ފަށައިފިއެވެ. މި ރޯޑް ޝޯ ސޮލަރެލްއިން ވަނީ އިއްޔެ ހުޅުމާލޭގައިވެސް ކުރިއަށް ގެންގޮސްފައެވެ.

ދެދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މިހަރަކާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ މެއިން ބަސްޓޮޕް ކުރިމަތީގައާއި އައްޑޫ ސިޓީ ހިތަދޫގެ ސުވަދީވް ކެފޭ ހުންނަ ސަރަހައްދުގައިއެވެ.

ޕީއެސްއެމް ނިއުސް އަށް މައުލޫމާތު ދެއްވަމުން ސޮލަރެލް އައްޑޫ ބްރާންޗްގެ ސޭލްސް އެގްޒެކިއުޓިވް ހާމީން ޙުޞައިން ވިިދާޅުވީ ހެލްމެޓް ބެހުމުގެ ހަރަކާތެއް ފެށުމުގެ އެންމެ ބޮޑު ބޭނުމަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ގިނަ ބަޔަކު ހޭލުންތެރި ކުރުމުގެ އިތުރުން ހެލްމެޓް އަޅައިގެން ދުއްވުމުގެ މުހިއްމުކަން އަންގައިދީ މަގުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތަކުން މީހާގެ ފުރާނައަށާއި ދިރިއުޅުމަށް ލިބޭނެ ގެއްލުމުން ސަލާމަތް ކުރުން ކަމަށެވެ.

ސޮލަރެލް އިން ފެށި މި ޕްރޮމޯޝަނުގައި ހިލޭ 500 ހެލްމެޓް ބަހާ އިރު، ހެލްމެޓް ހޯދުމުގެ ފުރުސަތު ލިބޭނީ ސޮލަރެލް އިންޝުއަރަންސްގެ މޯބައިލް އެޕްލިކޭޝަން ބޭނުންކޮށްގެން، "ދިރާގުޕޭ" މެދުވެރިކޮށް ސޮލަރެލް މޮޓޯ އިންޝުއަރަންސް ޕޮލިސީ ނަންގަވާ ފުރަތަމަ 500 ފަރާތަށްކަމަށެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ ޕްރައިވެޓް އިންޝުއަރެންސް ކުންފުނި ސޮލެރަލް އިންޝުއަރެންސްގެ އެޕްލިކޭޝަން މިއަދުގެ މި ހަރަކާތް ފެށުމުގެ ކުރިން ވަނީ ލޯންޗު ކޮށްފައެވެ. އަދި މި އެޕްލިކޭޝަން ބޭނުން ކޮށްގެން މިއަދުން ފެށިގެން ސޮލަރެލް އިންސުއަރެންސްގެ ޕޮލިސީ ލިބިވަޑައިގަންނަވާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

ސޮލަރެލް އިން މި ފެށި ހަރަކާތަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ވެސް ދަނީ ފުރިހަމަ އެއްބާރުލުން ދެމުންނެވެ. އެގޮތުން މި ޕޮރޮމޯޝަން ހިންގާ ސަރަހައްދުގައި ފުލުހުންގެ ހާއްސަ ސްޓޯލެއް ގާއިމުކޮށް ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން ތަފާތު އެކި ހަރަކާތް ދަނީ ހިންގަމުންނެވެ.