ޚަބަރު

ރައީސްގެ ރިޔާސީ ބަޔާނަށް ލޭބަރ ޕާޓީގެ ތަޢުރީފް


މިދިޔަ ބުރާސްފަތި ދުވަހު އޮތް ރައްޔިތުން މަޖިލިސް މިއަހަރަށް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ދެއްވި ރިޔާސީ ބަޔާނަށް، މަސައްކަތްތެރިންގެ ހައްޤުގައި މަސައްކަތް ކުރާ ސިޔާސީ ޕާޓީ، ލޭބަރ ޕާޓީން ތަޢުރީފް ކޮށްފިއެވެ.

ލޭބަރ ޕާޓީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރިޔާސީ ބަޔާނުގައި އެޕާޓީގެ ސިޔާސަތުތަކާއި އެޕާޓީން ޤަބޫލުކުރާ ގިނަ ކަންތައްތަކެއްގެ ވާހަކަ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވެފައިވާ ކަމަށެވެ. އަދި އެފަދަ ގިނަ ކަންތައްތަކެއް ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައިވާތީ އެޕާޓީން ވަނީ ރައީސް ޞާލިޙުގެ ރިޔާސީ ބަޔާނަށް ތާޢީދުކުރައްވާފައެވެ.

"މިގޮތުން ޢާމްދަނީން ޓެކްސް ނަގަން ނިންމައި މިއަންނަ އަހަރުން ފެށިގެން ވަކި މިންވަރަކަށް ވުރެ މަތިން ޢާމްދަނީ ލިބޭ ފަރާތްތަކުގެ ޢާމްދަނީން ޓެކްސް ނަގަން ނިންމި ނިންމުމަށް މި ޕާޓީން ތާޢީދު ކުރަމެވެ. މި ސިޔާސަތު ތަންފީޒު ކުރުމުގައި ޢާމްދަނީ އިތުރުވާ މިންވަރުން ޓެކްސްގެ ނިސްބަތް މަތިވާ (ޕްރޮގްރެސިވް އިންކަމް ޓެކްސް) ތަޢާރަފް ކުރުމަށާއި ޢާމްދަނީ ރިޕޯޓު ކުރުމުގެ ނިޒާމު ހަރުދަނާކޮށް ގޮތް ނޭނގޭ ޢާމްދަނީ ހާމަކުރުން މަޖުބޫރު ކުރުމުގެ ބާރު ތަޙުޤީޤީ އަދި ޝަރުޢީ ދާއިރާއަށް ދިނުމަކީ ޓެކްސްގެ ނިޒާމު އިންސާފުވެރިކޮށް ކޮރަޕްޝަނާއި ނާޖާއިޒު ފައިދާ ހޯދުން ހުއްޓުވުމަށް ކޮންމެހެން ލާޒިމް ކަމެއްކަން މި ފުރުޞަތުގައި ފާހަގަކުރަމެވެ،" ލޭބަރ ޕާޓީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެޕާޓީން ބުނީ ރާއްޖޭގައި މަސައްކަތް ކުރާ އެންމެހާ ފަރާތްތަކުގެ ހައްގުތަށް ކަށަވަރުކޮށް، މިނިމަމް ވޭޖުގެ ސިޔާސަތު ތަންފީޒުކޮށް، އިންތިޒާމުކުރުން މުހިންމު ކަމަށާއި، އަދުލު އިންސާފުގެ ނިޒާމް ހަރުދަނާކުރުމާއި، ހިޔާވަހިކަމުގެ މަޝްރޫއުތަކާއި މެދު ރައީސްގެ ބަޔާނުގައި ދެއްވާފައިވާ ޔަގީންކަމަށް އެޕާޓީން މަރުހަބާކިޔާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ގިނަ ފަރާތްތަކުން އަންނަނީ މިއަހަރުގެ ރިޔާސީ ބަޔާނަކީ އުއްމީދީ ރިޔާސީ ބަޔާނެއްކަން ފާހަގަކުރަމުންނެވެ.