ވިޔަފާރި

އާމްދަނީގެ ފަރަގު ބޮޑުވުމަކީ އިޤްތިޞާދު ކުރިއެރުވުމަށް އޮތް ގޮންޖެހުމެއް - ގަވަރުނަރު


މުއްސަނދިންނަށް ލިބޭ އާމްދަނީ އާއި ފަގީރުންނަށް ލިބޭ އާމްދަނީގެ ފަރަގު ބޮޑުވުމަކީ ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމުގައި ދިމާވެފައިވާ އެންމެބޮޑު އެއް ގޮންޖެހުންކަމަށް ގަވަރުނަރު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަޙުމަދު ނަޞީރު މިހެން ވިދާޅުވެފައިވަނީ، ވިޔަފާރި ޙަބަރުތަކަށް ޙާއްސަ އޮންލައިން ނޫހެއްކަމަށްވާ " މޯލްޑިވްސް ބިޒްނަސް ސްޓެންޑަރޑް" އިފްތިތާހްކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައިރާއްޖޭގެ އިޤްތިސާދު ކުރިއެރުވުމަށް ކުރަން ޖެހިފައިވާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ގަވަރނަރު ވިދާޅުވީ، ރާއްޖޭގައި އިޤްތިސާދީ ހަމަހަމަކަމާއި އާމްދަނީގެ ހަމަހަމަކަން ނެތުމަކީ ހައްލުކުރަން ޖެހިފައިވާ މައްސަލައެއް ކަމަށެވެ.

"
ރާއްޖޭގެ އިޤްތިސާދީ މައްސަލަތަކަށް ވިސްނާލާއިރު އަޅުގަނޑަށް އެންމެ ބޮޑަށް ފާހަގަކުރެވޭ އެއް ކަމަކަށް ވެފަ މި އޮންނަނީ ރާއްޖޭގައި އިޤްތިސާދީ ހަމަހަމަކަން ނެތުން، އިންކަމް އަދި ވެލްތް އިންއީކުއަލިޓީ. ރާއްޖޭގައި އެންމެ ބޮޑު ގޮންޖެހުމަކަށް މި ފާހަގަކުރެވެނީ އިޤްތިސާދީ ހަމަހަމަކަމާއި އާމްދަނީގެ ހަމަހަމަކަމާއި އަދި މުއްސަދިކަމުގެ ހަމަހަމަކަން ނެތުން
މަރުކަޒީ ބޭންކްގެ ގަވަރުނަރު އަޙުމަދު ނަޞީރު

ރާއްޖޭގައި ހުރި އިޤްތިސާދީ މައްސަލަތަކާއި، ގޮންޖެހުންތަކއް ހައްލުކުރުމަށް ކުރެވޭ މަސައްކަތުގައި ރައްޔިތުންގެ ބައިވެރިވުން ވީހާވެސް އިތުރުރުރަންޖެހޭކަމަށް ގަވަރުނަރު ވަނީ ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ އިޤްތިސާދާގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމުގައި މީޑިއާއިން މުޙިއްމު ރޯލެއް އަދާކުރާކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ގަވަރނަރު ވަނީ މި ސަރަޙައްދުގައި ރާއްޖެއާއި އެއްގޮތް ސިފަތަކެއް ހުރި ބައެއް ޤައުމުތަކުކުގެ ވާހަކަތައް ފާހަގަކުރައްވާފައެވެ. އިޤްތިސާދީގޮތުން އެ ޤައުމުތައް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވަނީ އިންސާނީ ވަސީލަތައް ކުރިއެރުވުމަށް ވަރަށް ބޮޑު ޙަރަދުތަކެއް ކޮށްގެން ކަމަށް ގަވަރނަރު ވިދާޅުވިއެވެ.

"
މޮރިޝަސް އަދި ސިންގަޕޫރުވެސް އިޤްތިސާދީގޮތުން ކާމިޔާބީތައް ހޯދާފައިވަނީ އިންސާނީ ވަސީލަތްތައް ކުރިއެރުމަށް ބޮޑު ހޭދައެއް ކޮށްގެން، އެގޮތުން ތައުލީމަށް ވަރަށް ބޮޑު ހޭދައެއް ކުރި، އަދި ސިއްޙީ ޚިދުމަތްތަކަށް ވަރަށް ބޮޑު ހޭދައެއް ކުރި. ރާއްޖޭގައި އިންއީކުއަލިޓީ ނައްތާލުމަށް އަދިވެސް ވަރަށް ބޮޑު ހޭދައެއް ކުރަން އެބަޖެހޭ.
ގަވަރުނަރު

'މޯލްޑިވްސް ބިޒްނަސް ސްޓޭންޑަޑް' އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ކުރީގެ ނައިބް ރައީސް މުޚައްމަދު ޖަމީލް އަދި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ނީޒާ އިމާދުގެ އިތުރުން ރާއްޖޭގެ އިޤްތިޞާދީ ދާއިރާގައި ފާހަގަކޮށްލެވޭ ބޭފުޅުން ބައިވެރިވިއެވެ.