ޚަބަރު

ކުނީގެ މައްސަލަ ހައްލު ކުރުމަށް ކުޅުދުއްފުށީގައި އިންސިނަރޭޓަރެއް ބަހައްޓަނީ


ކުޅުދުއްޓަށް ދިމާވެފައިވާ ކުނީގެ މައްލަސަ ހައްލުކުރުމުގެ ގޮތުން އެ ރަށުގައި އިންސިނެރޭޓަރއެއް ޤާއިމްކޮށްދެއްވާނެކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެންވިދާޅުވީ ހދ. ގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކުޅުދުއްފުއްޓަށް ވަޑައިގެން ކުޅުދުއްފުށީގެ ކުނިކޮށީގެ ހާލަތު ބައްލަވާލެއްވުމަށްފަހުގައެވެ. މިނިސްޓަރ ވަނީ ކުޅުދުއްފުށީގެ ކުނިކޮށީގެ ހާލަތު ބައްލަވާލެއްވުމަށްފަހު އެރަށުގެ ކައުންސިލާއި ހދ. އަތޮޅު ކައުންސިލާއެކު ކުޅުދުއްފުށީގެ ކުނި މެނޭޖް ކުރުން ކުރިއަށް ގެންދާނެގޮތާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުވުމަށްފަހު ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މިނިސްޓަރ ވިދާޅުވީ ކުޅުދުއްފުށީގެ ކުނީގެ ހާލަތު އޮތީ ވަރަށް ނާޒުކު ހާލަތެއްގައިކަމަށެވެ. އަދި އެއްވެސް ވަރަކަށް ކުނި މެނޭޖް ނުކުރެވުމުގެ ސަބަބުން، ކުނީގެ މައްސަލަ ބޮއްސުންލާފައިވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިކަމަށް ހައްލެއް ގެނައުމަށް ކުޅުދުއްފުށީގައި ކުނި މެނޭޖް ކުރުމަށް އިންސިނިރޭޓަރއެއް ޤާއިމުކުރުމަށް މަސައްކަތް ކުރައްވާނެކަމަށާ، އަދި ކުޅުދުއްފުށީގެ ކުނި މެނޭޖްކުރާނެ ޕްލޭނެއް އެކުލަވާލުމަށް ކުޅުދުއްފުށީގެ ކައުންސިލުގައިވެސް ދަންނަވާފައިވާނެކަމަށެވެ. އަދި މިކަމުގައި ފަންނީ ގޮތުންނާއި މާލީ ގޮތުންވެސް ކައުންސިލަށް ބޭނުންވާނެ އެހީތެރިކަން މިނިސްޓްރީން ފޯރުކޮށްދެއްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"
"އަޅުގަނޑުމެން މިއަދު އެތަން ބަލާފަ މިނިންމީ ކުޅުދުއްފުއްޓަށް އިންސިނެރޭޓަރެއް ފޮނުވަން. އިރާދަ ކުރެއްވިއްޔާ އެތަނުގައި އިންސިނިރޭޓަރެއް ޤާއިމުކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރާނަން. މިރަށަށް ފޮނުވަން މިއުޅެނީ ރައްކާތެރިކޮށް ކުނި އަންދާ ޒަމާނީ މެޝިނަރީޒް. އެހެންވީމަ ދުން އަރައިގެން ރައްޔިތުންނަށްވާނެ ގެއްލުމެއް ނޯންނާނެ. ރަށު މެދުތެރޭގަވެސް ބަހައްޓައިގެން ކުނި އެންދޭނެ. ކުނީގެ މައްސަލަ ވަރަށް ސީރިއަސްކޮށް މިރަށުގަ އޮތީ. އެހެންވީމަ ކައުންސިލް ބޭފުޅުން އަރިހުން އަޅުގަނޑު މިއެދުނީ ކުނި މެނޭޖްމެންޓް ޕްލޭނެއް ހައްދަވަން. ޕްލޭނެއް ހައްދަވާފަ ރޭވި ތަރުތީބު ވެފައިވާ ޕްލޭނެއްގެ ތެރޭން މިކަން ކުރިއަށް ގެންދަން. މިކަމުގައި ކައުންސިލަށް ބޭނުންވާ ފަންނީ އަދި އެހެނިހެން އެހީތެރިކަން އަޅުގަނޑުމެން ފޯރުކޮށްދޭނަން."
އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ޙުސެއިން ރަޝީދު ޙަސަން

ކުޅުދުއްފުށީގައި ކުނީގެ މައްސަލަ ބޮޑުވެފައިވާއިރު، އެކަން ހައްލުކުރުމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވެމްކޯގެ ޓީމަކުން އެރަށުގެ ކުނި ގޮނޑު ސާފު ކުރުމަށް ކުރި މަސައްކަތުން ދެ ދުވަހެއްގެ ތެރޭގައި 650 ޓަނުގެ ކުނި ނަގާފައިވެއެވެ. އަދި އެރަށުގައި ވެމްކޯގެ ޚިދުމަތް ފެށުމަށް މަސައްކަތް ކުމުންދާކަމަށް ކުރީ ސަރުކާރުން ބުނެފައިވީނަމަވެސް އަދިވެސް އެޚިދުމަތް ފަށާފައެއް ނުވެއެވެ.