ސިޔާސީ

މަޖިލިސް އިންތިޚާބުގައި ވާދަނުކުރަން ނިންމީ ސިޔާސީ މަސްރަޙު ބަލާލަން - މޫސާ މަނިކު


ކުރިއަށް އޮތް 19ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަނުކުރައްވަން ނިންމެވީ މިވަގުތު ރާއްޖޭގެ ސިޔާސީ މަސްރަހު ކުރިއަށްދާގޮތް ބައްލަވާލެއްވުމަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސަ ވަނީ ކުރިއަށް އޮތް 19ވަނަ ރައްޔިތުންގެ މަޖިލީހުގައި ވާދަނުކުރައްވަން ނިންމަވައި މިއަދު މެންދުރު ޓްވީޓެއްވެސް ކުރައްވާފައެވެ.

"2019ގެ މަޖިލިސް އިންތިޚާބުގައި ވާދަނުކުރަން އަޅުގަނޑު ނިންމައިފިން." މޫސާ މަނިކު ކުރެއްވި ޓްވީޓުގައިވެއެވެ.

ކުރިން ލ.އަތޮޅުގެ މެމްބަރުކަންވެސް ކުރައްވާފައިވާ މޫސާ މަނިކު މީގެކުރިން ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަ ގޮތުން ލ.ގަމު ދާއިރާއަށް ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މޫސާ މަނިކު ވިދާޅުވީ، މިވަގުތު ވާދަނުކުރައްވަން ނިންމެވީ މަޖިލީހުގައި ހޭދަކުރެއްވި މުއްދަތުގައި ރައްޔިތުންނަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްދެވުނުކަމަށް ޤަބޫލުކުރައްވާތީ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަކީ ވަރަށް ގިނަ ކަންތައްތަކެއް ދަސްވި އަދި ވަރަށް ލޯބިވާ ތަނެއް ކަމަށްވެސް މޫސާ މަނިކު ވިދާޅުވިއެވެ.

"މިވަގުތު ހަމަ ވާދަނުކުރަން މިނިންމީ. ސަބަބަކީ ހަމަ ވާދަނުކުރުން. އަސްލު ހަގީގަތުގައި ވަރަށް މަސައްކަތް ކޮށްދެވިއްޖެ ރައްޔިތުންނަށް މަޖިލީހުގައި. ވަރަށް ލޯބިވޭ އެތަންދެކެ. މިވަގުތު އާއިލާއަށްވެސް ވަގުތު ދޭން ބޭނުން. ވިޔަފާރިއަށްވެސް ވަގުތު ހުސްކުރަން ބޭނުން." މޫސާ މަނިކު ވިދާޅުވިއެވެ.

އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި މަޖިލީހަށް އިންތިޚާބުވި މޫސާ މަނިކު އެޕާޓީއާކު މަޖިލީހުގެ ތަޅުމުގައި ގިނަ މަސައްކަތްތަކެއްކުރައްވާފައެވެ. ނަމަވެސް މިދިޔަ އަހަރު މޫސަ ފެނިގެންގޮސްފައިވަނީ އޭރު ސަރުކާރު ހިންގި ޕާޓީ ޕީޕީއެމާއެކު ކުރީގެ ރައީސް ޔާމީންގެ އަރިސް ބޭފުޅެއްގެ ގޮތުގައެވެ. އަދި ރިޔާސީ އިންތިޚާބުގައި އެޕާޓީއަށް ކުރިނުލިބުމުން މޫސަ ވަނީ ޕީޕީއެމުން ވަކިވެފައެވެ.

މޫސާ މަނިކަކީ ވޭތުވެދިޔަ ދެ ދައުރުގައިވެސް މަޖިލީހުގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ.