ވިޔަފާރި

ކުޅުދުއްފުށީގައި ފަތުރުވެރިކަން ތައާރަފްވެފައި ނެތުމަކީ ހިތާމަކުރާކަމެއް- ޓޫރިޒަމް މިނިސްޓަރ


ހދ ކުޅުދުއްފުށި ސިޓީއަކަށް ބަދަލުވެގެން އަންނައިރު، އެރަށުގައި ފަތުރުވެރިކަން ތައާރަފްވެފައި ނެތުމަކީ ހިތާމަކުރާކަމެއްކަމަށް ޓޫރިޒަމް މިނިސްޓަރު އަލީވަހީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ކުޅުދުއްފުށީ އެއަރޕޯރޓް ބައްލަވާ ލެއްވުމަށްފަހު ޕީއެސްއެމް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައެވެ.

މިނިސްޓަރު ވިދާޅުވީ ރޭގެ ވަގުތެއްގައި ކުޅުދުއްފުށީގެ ރައްޔިތުންނާ ބައްދަލުކޮށް އިހްސާސްތައް އަޑުއަހާލުމުން އެންމެ ބޮޑަށް ފާހަގަކުރެވުނުކަމަކީ ހދ އަތޮޅުގައި ފަތުރުވެރިކަން ނެތުމުގެ ކަންބޮޑުވުންކަމަށެވެ. ހދ އަތޮޅުން ގިނަ ރަށްތަކެއް ފަތުރުވެރިކަމަށް ދޫކުރިތާ، އެތަކެއް އަހަރުތަކެއް ވެގެންދިޔަނަމަވެސް އެ ރަށްތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް ނުދާކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ލިބިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން އެއަތޮޅުގައި ފަތުރުވެރިކަން ތައާރަފްކޮށް ފުޅާކޮށްދިނުމަށް ޔައްޔިތުން ވަރަށްބޮޑަށް އެދުނުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ހދ އަތޮޅުން ރިސޯޓް ހަދަން ދޫކޮށް ނުހެދި ގިނަ އަހަރުތަކެއްވެފައިވާ ރަށްތަކާއި ގުޅޭގޮތުންވަރަށް އަވަހަށް ގޮތެއް ނިންމަވާނޭކަމަށެވެ. އިކޮނޮމިކް ކައުންސިލުން ދަނީ އެކަމަށް ބޭނުންވާ މައުލޫމާތު އެއްކުރަމުން ކަމަށާއި އެގްރިމެންޓް ބާތިލްކުރަން ޖެހިއްޖެނަމަ އެކަމަށްދާނެ ޚަރަދު ސަރުކާރު ދެއްވާނެކަމަށް ރައީސް އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"
ކުޅުދުއްފުށި ވަރަށް އަވަހަށް ސިޓީއަކަށް ބަދަލުވެގެން ދާނެ. މިއަދާ ހަމަޔަށް އައި އިރުވެސް ކުޅުދުއްފުށީގައި ފަތުރުވެރިކަން ނެތުން އެއީ އަޅުގަނޑުމެން ހިތާމަކުރާކަމެއް. އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގަ އަޅުގަނޑުމެން މިކަން ކަން ބަދަލުކޮށް މިސަރަހައްދަށް ފަތުރުވެރިކަން ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އަޅުގަނޑުމެން އަވަސްވެ ގަންނާނަން. މިހާރުވެސް މިދަނީ ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ނުހެދި ހުރި ރައްތަށް ފާހަގަކުރަމުން. މިއަހަރު ނިމުމުގެ ކުރިން މިކަމަށްވެސް ހައްލެއް ގެންނާނަން.
ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު

ސެޕްޓެމްބަރުމަހުގެ ފުރަތަމަ ހަފްތާގެ ނިޔަލަށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ޙިދުމަތްދޭ ހުރިހާ ތަނެއްގެ ހާލަތު ސަރުކާރަށް ދެނެގަނެވޭނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. މިގޮތުން މައްސަލައެއް ފާހަގަކުރެވިއްޖެ ނަމަ އެ މައްސަލައެއް ހައްލުކުރުމަށް އެފަރާތަކަށް މުއްދަތެއް ދޭނެއެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މައްސަލަ ހައްލުނުކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުގެ ދަށުން ފިޔަވަޅު އަޅާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކުޅުދުއްފުށީގެ އިތުރުން ހަނިމާދޫ، ދިއްދޫ އަދި ކެލައަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.