ސިޔާސީ

މެންބަރުންގެ ޝުއޫރު ރައީސަށް އިވުނު ކަމަށް އުންމީދު ކުރަން-


ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރިޔާސީ ބަޔާން އިއްވެވި ވަގުތު، އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މެންބަރުން ފާޅުކުރަމުން ދިޔައީ ސިޔާސީ ބައެއް ވެރިން ހައްޔަރުކޮށްފައިވާތީ އެބޭފުޅުން ދޫކުރުމަށް އިއްވި ޝުއޫރުތަކެއް ކަމަށާއި، އެއަޑުތަށް ރައީސް ޔާމީނަށް އިވިވަޑައިގެންނެވި ކަމަށް އުންމީދުކުރައްވާ ކަމަށް އެމް.ޑީ.ޕީ އާއި ޖުމުހޫރީ ޕާޓީން ބުނެފިއެވެ.އިދިކޮޅު ފަރާތްތަކުން މިހެން ބުނާއިރު، ސަރުކާރު ހިންގާ ޕީ.ޕީ.އެމުން އެއަމަލު ސިފަކުރަނީ، ގާނޫނު އަސާސީން ރައީސުލްޖުމުހޫރިއްޔާއަށް ލާޒިމްކޮށްފައިވާ ކަމެއް ކުރިއަށްގެންދެވުމަށް އެމަނިކުފާނަށް ފާޅުގައި ދެކޮޅު ހަދާ އިދިކޮޅު ފަރާތްތަކުން ހިންގި ޒިންމާދާރުކަން ކުޑަ އަމަލެއްގެގޮތުގައެވެ.ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާއަށް އެމް.ޑީ.ޕީ ގެ މެންބަރުން ހާޒިރުވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމް ދައުވާ އިން މިނިވަންކުރުމަށް ގޮވާލައި ބޭނާތަކެއް ހިފައިގެންނެވެ. އެއަށްފަހު މަޖިލީހުގެ ޖަލްސާ ފެށި، ރައީސުލް ޖުމުހޫރިއްޔާ ރިޔާސީ ބަޔާން އިއްވަން ފެށުމާއެކު، އިދިކޮޅު އެމް.ޑީ.ޕީއާ ޖުމުހޫރީޕާޓީއަށް ނިސްބަތްވާ މެންބަރުންވަނީ އަޑުގަދަކޮށް، ރައީސް ޔާމީންގެ އިސްތިއުފާއަށް ގޮވާފައެވެ.ޖަލްސާ ނިމުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން، އެމް.ޑީ.ޕީގެ ޕާލިމްނޓްރީގްރޫޕްގެ ލީޑަރ، އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ، އެޕާޓީން މަޖިލީހުގައި މިއަދު އުފުލީ އިންތިޚާބުވި ދާއިރާތަކުގެ މެންބަރުންގެ އަޑުކަމަށެވެ. އަދި 1 އަހަރު ވީއިރުވެސް ސަރުކާރުން ވީ ވައުދުގެ އެއްޕަސެންޓުވެސް ރައްޔިތުންނާއި ހިސާބަށް އައިސްފައިނުވާކަމަށްވެސް އެމް.ޑީ.ޕީގެ ޕާލިމްނޓްރީގްރޫޕްގެ ލީޑަރ ވިދާޅުވިއެވެ.ޖުމުހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް ވިދާޅުވީ، ޖޭ.ޕީއާ އެމް.ޑީ.ޕީ ގުޅިގެން ކުރަމުންދާ މަސައްކަތަކީ، ސިޔާސީ ބައެއް ލީޑަރުންނަށް ކޮށްފައިވާ ދައުވާތަށް އަނބުރާގެންދިޔުމަށް ގޮވާލާ ގޮވާލުމެއްކަމަށާއި، ސަރުކާރުންކުރާ ބައެއްކަންކަމުގެ ސަބަބުން ގައުމަށް ލިބިދާނެނިކަމެތި ކަމަކުން ސަލާމަތްކުރުމަށް ކުރާ މަސައްކަތެއްކަމަށެވެ. ގާސީމް ވިދާޅުވީ ސަރުކާރަށް މިހާރު ލިބިފައިވާ މަޖިލީހުގެ މެޖޯރިޓީ ވަރަށް އަވަހަށް އިދިކޮޅު ފަރާތްތަކަށް ބަދަލުވެގެންދާނެކަމަށެވެ.މަޖިލީހުގެ މެޖޯރިޓީ ލީޑަރ ވިލިމާލެދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސެއިން މަނިކް ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، ގާނޫނުން ރައީސުލް ޖުމްހޫރިއްޔާއަށް ލާޒިމްކުރާ ރިޔާސީ ބަޔާން އެމްނިކުފާނު އިއްވިވަގުތު އިދިކޮޅު ފަރާތްތަކުން ހިންގާފައިވަނީ ޒިންމާދާރުކަންކުޑަ އަމަލެއްކަމަށާއި، އުނދަގޫތަކަކާއެކުވެސް ރައީސް ޔާމީން ރިޔާސީ ބަޔާން އިއްވާފައިވުމުން އެމަނިކުފާނުގެ ހިއްވަރުގަންދަކަން ފެނިގެންދިޔަކަމަށެވެ.ނިހާން ވިދާޅުވީ ސަރުކާރުން ކުރައްވާ މައްސައްކަތުގައި މަޖިލީހުގެ ތެރއިން ޕީ.ޕީ.އެމްއާ އެމް.ޑީ.އޭއިން ސަރުކާރާއެކު ތިއްބަވާނެކަމަށެވެ. އެމް.ޑީ.އޭގެ ލީޑަރު އަހްމަދު ސިޔާމް މުޙައްމަދުވެސްވަނީ ރީއާސީ ބަޔާން އިއްވި ވަގުތު އިދިކޮޅު ޕާޓީތަކުން އަޑުގަދަކުރުމަކީ ނާތަހުޒީބު އަމަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.ރައީސް ރިޔާސީ ބަޔާން އިއްވަވާ ނިންމަވާލެއްވުމާއެކު ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންނާއި އިދިކޮޅު މެމްބަރުންގެ މެދުގައި ވަރަށް ހޫނުގަދަ ޒުވާބުތަކެއް ހިގާފައިވާތަންވެސް ފެނިގެންދިޔައެވެ.