ވިޔަފާރި

ލޯކަލް ޓޫރިޒަމް ހަރުދަނާކުރުމަށް ޓޫރިޒަމް މިނިސްޓްރީން ވަކި ސެކްޝަނެއް ޚާއްސަކުރަނީ


ލޯކަލް ޓޫރިޒަމް ހަރުދަނާކޮށް މި ދާއިރާއަށް ދިމާވެފައިހުރި މައްސަލަތައް ދެނެގަތުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީގައި ވަކި ޔުނިޓެއް ޤާއިމްކުރުމަށް ނިންމާފައިވާކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގައި ޓޫރިޒަމް ފުޅާވެ، ކުރިއަރައިގެން ދިޔަނަމަވެސް، އަދި މިހާތަނަށް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފަތުރުވެރިކަން ތަޢާރަފްވެފައިނުވާކަމަށެވެ. މުޅި ރާއްޖެ ހިމެނޭހެން ފަތުރުވެރިކަން ކުރިއެރުވުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސިޔާސަތެކެވެ. އެހެންކަމުން ލޯކަލް ޓޫރިޒަމް ހަރުދަނާކުރުމަށްޓަކައި ވަކި ޚާއްސަ ޔުނިޓެއް ޓޫރިޒަމް މިނިސްޓްރީގައި ޤާއިމްކުރާނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"
ގެސްޓްހައުސްތަކަކީ ޖަޒީރާވަންތަ ކޮންސެޕްޓަކަށް ކުރިއަށްދާ ވިޔަފާރިއެއް. ގެސްޓްހައުސްއަށް އަންނަ ފަތުރުވެރިން ބޭނުންވާނީ ދިވެހިވަންތަ ޚިދުމަތްތައް. އަޅުގަނޑުމެންގެ އަމާޒެއް މި ދާއިރާ ޑައިވަރސިފައި ކުރުމަކީ. އެގޮތުން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ޓޫރިޒަމް މިނިސްޓްރީގައި އައިލެންޑް ޓޫރިޒަމް ސެކްޝަނެއް އުފެއްދުމަށް. މި ސެކްޝަނުން ސީދާ ގެސްޓްހައުސްތަކަށް އަމާޒުކޮށް މަސައްކަތްކުރެވިގެންދާނެ
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ފަތުރުވެރިކަން ނެތް ސަރަޙައްދުތަކަށް ފަތުރުވެރިކަން ފޯރުކޮށްދިނުންކަމަށެވެ. ރާއްޖޭގެ އެކި ހިސާބުތަކުގެ މުއްސަނދި ޘަޤާފަތާއި ރީތިކަން ބޭރުގެ ފަރާތްތަކާއި ހަމައަށް ފޯރުކޮށްދިނުމަކީ ވެސް މި ސަރުކާރުގެ އަމާޒެއްކަމަށް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

"
ރައީސްގެ އަމާޒަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ފަތުރުވެރިކަން ފޯރުކޮށްދިނުން. އެހެންކަމުން އަޅުގަނޑުމެންގެ މެނިފެސްޓޯގައިވެސް އެންމެ ބޮޑަށް މިއޮތީ ވަކިވަކި މަންޒިލެއްތަކެއްގެ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަށްގެންދިއުން. އެހެންވީމަ ރާއްޖެއަކީ ހަމައެކަނި މޯލްޑިވްސް ކިޔާފަ ނިންމާލެވޭ ބްރޭންޑަކަށެއް ނުވާނެ. ރާއްޖޭގެ އެކި ސަރަޙައްދުތައް ވަރަށް ރީތި. ވަރަށް ތަފާތު. އެކި ރައްޔިތުންގެ އެބަހުރި އެކި އުއްމީދުތައް
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކުގައި އެމްއެމްޕީއާރްސީން އެއްވެސް ބެލުމެއްނެތި ރަށްތައް ދޫކުރުމާއި ގުޅިގެން ލޯކަލް ޓޫރިޒަމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވިކަމަށެވެ. މި ގޮންޖެހުންތަކާއިއެކު ވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ޤަވާއިދުތައް އިސްލާހުކޮށް ރާއްޖޭގެ ފަތުރުވެރިކަމަށް އިންޤިލާބީ ކުރިއެރުމެއް ގެންނާނެކަމަށް މިނިސްޓަރު އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.