ސިޔާސީ

ރައީސްގެ އިޝާރާތުން ބުނެދެނީ އިނދިކޮޅު ފަރާތްތައް ފެއިލް ވިކަން


ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހުގައި މިއަދު ރިޔާސީ ބަޔާން އިއްވަމުން ގެންދެވި ވަގުތު ބޭރުގެ ޑިޕްލޮމެޓުން ތިއްބަވަނިކޮށް އިދިކޮޅު ފަރާތްތަކުން ދެއްކި މަންޒަރަކީ، ޤާނޫނު އަސާސީގެ ދިފާއުގައި ކަމަށްބުނެ ނިކުމެއުޅޭ ބައެއްގެ ފަރާތުން ފެންނަންޖެހޭ ފަދަ އަމަލެއް ނޫންކަމަށް ސަރުކާރުން ދެކޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންބުނެފިއެވެ.އެމްބީސީނިއުސްއާ ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒް އަލީ ވިދާޅުވީ، ރައީސް ރިޔާސީ ބަޔާން އިއްވަވާ ނިންމަވާލެއްވުމުން އެނގިގެންދަނީ، ޤާނޫނު އަސާސީ ނަގަހައްޓާ ދެމެހެއްޓުމުގެ މަސައްކަތުގައި ސަރުކާރުން ދެމި އޮންނާނެކަން ކަމަށެވެ. އަދި ޤާނޫނު އަސާސީގެ އެންމެ މާއްދާއަކަށް ހުރަސްއެޅުމަށްވެސް އިދިކޮޅު ފަރާތަކުން ކުރާ މަސައްކަތްތަކަށް ހުރަސްއަޅައި، އެޤާނޫނު ދެމެހެއްޓުންމަތީ ރައީސް ދެމިހުންނަވާނޭ ކަން ސާބިތުކޮށްދެއްވި ކަމަށްވެސް ވިދާޅުވިއެވެ.އަދި މިއަދު ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ނިންމަވާލެއްވުމަށްފަހު ދެއްކެވި އިޝާރާތުން ބުނެދެނީ ޤާނޫނު އަސާސީއަށް ހުރަސްއެޅުމަށް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތް ފެއިލްވެފައިވާކަން ކަމަށްވެސް މުއާޒް ވިދާޅުވިއެވެ.