ޚަބަރު

އިމްރާން ޚާންގެ އަރިސް ބޭފުޅެއްކަމަށްވާ އަލީމް ޚާން ހައްޔަރުކޮށްފި


ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންގެ ވަރަށް އަރިސް ބޭފުޅެއްކަމަށްވާ އަލީމް ޚާން ހައްޔަރުކޮށްފިއެވެ. ޕަންޖާބް ސްޓޭޓްގެ ލޯކަލް ސަރުކާރުގެ ލޯކަލް ގަވަރމެންޓް އެންޑް ކޮމިއުނިޓީ ޑިވެލެޕްމަންޓާ ބެހޭ ވަޒީރު އަލީމް ޚާން ހައްޔަރުކުރީ، ކޮރަޕްޝަނުގެ މައްސަލައަކާ ގުޅިގެންކަމަށް ޕަންޖާބުގެ ފުލުހުން ބުނެއެވެ.

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ޕާކިސްތާނުގެ އިދާރާ "ނެޝަނަލް އެކައުންޓެބިލިޓީ ބިއުރޯ" އެން.އޭ.ބީ އިންވެސް ވަނީ އަލީމް ހައްޔަރުކުރިކަން ކަށަވަރުކޮށްދީފައެވެ. އެ އިދާރާއިން ބުނީ އަލީމް ހައްޔަރުކުރީ، އެ އިދާރާއިން ތަޙުޤީޤުކުރަމުންދާ މައްސަލައަކާ ގުޅިގެންކަމަށެވެ.

އެ އިދާރާއިން ތަޙުޤީޤުކުރަނީ ޕަންޖާބުގެ ލޯކަލް ސަރުކާރުގެ ފަންސާސް ހަ ކުންފުންޏެއް ހިމެނޭ، ކޮރަޕްޝަންގެ ބޮޑު މައްސަލައެއް ކަމަށާއި، އޭގައި އަލީމް ޝާމިލުވާކަމަށް ތުހުމަތުކުރެވޭ ކަމަށް ޕާކިސްތާނުގެ މީޑިއާއިން ބުނެއެވެ.

އަލީމް ޚާނަކީ، ފާއިތުވި އަހަރު ޕާކިސްތާނުގައި ބޭއްވި ޢާއްމު އިންތިޚާބުގައި ބޮޑުވަޒީރު އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކޭ އިންސާފް ޕާޓީގެ ފަރާތުން ވާދަކުރައްވައިގެން ޕަންޖާބު ޕްރޮވިންޝަލް އެސެމްބްލީގެ ލާހޫރުގެ ގޮނޑިއެއް ކާމިޔާބު ކުރައްވާފައިވާ ބޭފުޅެކެވެ. ޕާކިސްތާނުގެ ބޮޑުވަޒީރުކަމާ އިމްރާން ޚާން ހަވާލުވެ ވަޑައިގަތުމަށްފަހު ތަންފީޒުކުރެއްވި ސަތޭކަ ދުވަހުގެ އެޖެންޑާގެ ކަންތައްތަކުގައިވެސް އެންމެ އިސްކޮށް އުޅުއްވި ބޭފުޅުންގެ ތެރޭގައި އޭނާ ހިމެނިވަޑައިގަންނަވައެވެ.