ސިޔާސީ

2014ވަނަ އަހަރު ޚާރިޖީ ދާއިރާގައި ރާއްޖޭގެ ނަން ވިދާލި


ވޭތުވެދިޔަ އަހަރަކީ ބައިނަލްއަޤްއާމީ މުޖުތަމަޢުގައި ރާއްޖޭގެ ނަންވިދާލި އަހަރެއް ކަމަށް ރައީސުލްޖުމުހޫރިއްޔާ އަބްދުއްﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ ވޭތުވެދިޔަ 2014 ވަނައަހަރަކީ ޚާރިޖީ ދާއިރާއިން ރާއްޖެއަށް ބޮޑެތި ކާމިޔާބީތަކަކާއި ކުރިއެރުންތަކެއް ލިބިގެންދިޔަ އަހަރެއްކަމަށެވެ. އެގޮތުން އދ ގެ އިންސާނީ ހައްޤުތަކާބެހޭ މަޖިލީހުގެ މެންބަރެއްގެ ގޮތުން ދިވެހިރާއްޖެއިން ހަރުދަނާ މަސައްކަތްތަކެއް ކޮށްފައިވާކަމަށާއި، އަދި ކުދި ޖަޒީރާ ޤައުމުތަކުގެ ބައިނަލްއަޤްއާމީ ޖަމިއްޔާ "އެއޯސިސްގެ"ގެ ރިޔާސަތާ ރާއްޖެއިން ހަވާލުވެފައިވާކަން ރައީސް ޔާމީން ވަނީ ފާހަގަކުރައްވާފައެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެގްޒެކެޓިވް ބޯޑުގެ ޗެއަރގެ ގޮތުގައި ރާއްޖެ އަދާކުރައްވާ ރޯލު ފާހަގަކުރައްވާ، އަރަބި އިސްލާމީ ޤައުމުތަކާ ގުޅުން ބަދަހި ކުރެއްވުމަށް އިސްކަން ދެއްވާކަމަށް ރައީސުލްޖުމުހޫރިއްޔާ ވިދާޅުވިއެވެ.މިއަހަރަކީ ދިވެހިރާއްގޭގެ މިނިވަންކަމަށް 50 އަހަރު ފުރޭ އަހަރުކަމުން މި މުނާސަބާ ވަރައްކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާކަމަށާއި، އެކަމަށް ރައްޔިތުންގެ އެއްބާރުލެއްވުން އެދިވަޑައިގަންނަވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.މީގެ އިތުރުން، ސަރުކާރުން ތައާރަފް ކުރެއްވި ހުސްނުވާ އާސަންދައިގެ ނިޒާމަށް ބައްލަވާ ލައްވަމުން ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ މި ހިދުމަތުގެ ދަށުން މިހާތަނަށް 17 މީހެއްގެ ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަން ކޮށްފައިވާކަމަށެވެ. އަދި ކުރިއަށްއޮތްތަނުގައިވެސް ބޮޑެތި ބަލިތަކަށް ބޭނުންވާ ދާއިމީ ފަރުވާވެސް އެނިޒާމުގެ ދަށުން ހަމަޖެހިގެންދާނެކަމަށް ރައީސުލްޖުމުހޫރިއްޔާ ވިދާޅުވިއެވެ. އަދި އަތޮޅުތެރޭގައި ރައްޔިތުންނަށް ސްޕަރ ސްޕަޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޕްރޮގްރާމެއް ހިންގަމުންދާކަމަށް ރައީސުލްޖުމުހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވިއެވެ.