ސިޔާސީ

މިއަހަރަކީ ތަރައްޤީގެ އުންމީދީ އަހަރަކަށް ވެގެންދާނެ- ރައީސް


މިއަހަރަކީ ރާއްޖޭގެ ތަރައްގީގައި ވަރަށް އުއްމީދީ އަހަރަކަށް ވެގެންދާނެ ކަމަށާއި ސަރުކާރުން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ހިންގާ ވަރަށް ގިނަ މަޝްރޫއުތަކެއް ހިނގަމުން ނިމެމުންދާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުންގެ މިއަހަރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވީ 2014 ވަނަ އަހަރު އިގްތިސާދީ ދުވެލި 8.5 އިންސައްތައިގައި ހުންނާނެ ކަމަށް ލަފާކުރެވުނު އިރު މިއަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނެކަމަށް ލަފާ ކުރެވިފައިވަނީ 10.5 އިންސައްތައިގައި ކަމަށެވެ. އަދި ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރުމަށްޓަކައި އިތުރު ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.އިޤްތިޞާދީ ޙާއްސަ ސަރަހައްދުތަކުގައި ހިންގުމަށް ހަމަޖެހިފައިވަނީ 150 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑެތި މަޝްރޫއުތައްކަމަށްވުމާއެކު، އެއިން ކޮންމެ އިންވެސްޓްމަންޓަކުން ގިނަ އަދަދެއްގެ ވަޒީފާތައް އުފެދި ޒުވާނުންނަށް އިތުރު ފުރުސަތުތައް ލިބި ރާއްޖޭގެ އިގްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނާނެކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ. އަދި އެސްއީޒެޑްގެ އެންމެ ބިޔަ އެއް މަޝްރޫއު ކަމަށްވާ އައިހެވަންގެ މާސްޓަ ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތްވެސް މިހާރު ކުރެވެމުންދާކަމަށް ވިދާޅުވިއެވެ.ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޔަތާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާން ވިދާޅުވީ، ފަތުރުވެރިކަން ތަރައްގީކޮށް ފުޅާކުރުމުގެ ގޮތުން އާރިސޯޓްތައް ތަރައްގީކުރުމަށް މިއަހަރު 22 ރަށެއް ބީލަމަށް ލުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި ރިސޯޓް ހިންގުމަށް ދޫކޮށްފައިވާ ރަށްތަކުގެ އެގްރީމެންޓާއި އެއްގޮތަށް އަމަލުކުރަމުން ނުދާ ފަރާތްތަކުގެ އެގްރީމެންޓްތައް ބާތިލުކޮށް އެރަށްތައް ސަރުކާރަށް ނަގާނެކަމަށްވެސް ވިދާޅުވިއެވެ.ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ބައްލަވާލައްވަމުން ރައީސް ވިދާޅުވީ ހުޅުމާލޭގައި ޢިމާރާތް ކުރެވެމުންދާ 1089 ފްލެޓްގެ މަސައްކަތް ނިމި ، 5000 ފްލެޓެއްގެ މަސައްކަތް، މިއަހަރުގެ ތެރޭގައި ކުރެވޭނެކަމަށެވެ. އަދި ސަރުކާރުން މަސްވެރިންނަށް ޤާއިމުކޮށްދިނުމަށް ހަމަޖެހިފައިވާ މަސްވެރިންގެ ފުރަތަމަ މެރީނާ، މިދިޔަ އަހަރު ފެލިވަރުގައި ޤާއިމުކުރެވިފައިވާކަންވެސް ރައީސް ފާހަނގަކުރެއްވިއެވެ. އަދި 2 ވަނަ މެރީނާ، މިއަހަރުގެ ތެރޭގައި ކޫއްޑޫގައި ޤާއިމުކުރެވޭނެކަމަށާއި، 3 ވަނަ މެރީނާ، ހުޅުމާލޭގައި ޤާއިމުކުރުމުގެ މަސައްކަތާއި، 4 ވަނަ މެރީނާ، ސ. ފޭދޫގައި ޤާއިމުކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ކޮށް ނިންމޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.ރަށްރަށުގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ ދަށުން 10 ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ކޮންޓްރެކްޓް ކުރެވިފައިވާކަން ފާހަނގަކުރައްވާ، ރައީސް ވިދާޅުވީ މި 10 ރަށުގެ ތެރެއިން 6 ރަށެއްގެ މަސައްކަތް މިހާރުވެސް ކުރެވެމުންދާކަމަށެވެ.މީގެ އިތުރުން ސާފު ބޯފެނާއި، އެކަށީގެންވާ ނަރުދަމާގެ ޚިދްމަތް، ރާއްޖޭގެ ރައްޔިތުންނަށް ފޯރުވައިދިނުމަށްޓަކައި 100 މިލިއަން ޑޮލަރުގެ ބޭރުގެ ލޯނު އެހީ ހަމަޖެހިފައިވާކަންވެސް ރައީސް ފާހަނގަކުރެއްވިއެވެ. އެގޮތުން މި ލޯނު އެހީގެ ދަށުން 18 ރަށެއްގެ ނަރުދަމާގެ ނިޒާމާއި އަދި ބޭރު ލޯނާއި ހިލޭ އެހީގެ ދަށުން  21 ރަށެއްގެ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތްތައް މިހާރު ކުރިއަށްދާކަމށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން، ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން 48 ރަށެއްގައި ނަރުދަމާގެ ނިޒާމާއި، 19 ރަށެއްގައި ފެނުގެ ނިޒާމު ޤާއިމުކުރުމަށް ކަނޑައަޅުއްވާފައިވާކަމަށްވެސް ވިދާޅުވިއެވެ.މީގެ އިތުރުން ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން 8 މިސްކިތެއް ޢިމާރާތް ކުރުމުގެ މަސައްކަތް ކުރެވެމުންދާކަންވެސް ރައީސްވަނީ ފާހަނގަކުރައްވާފައެވެ. އަދި ސަޢޫދީ ސަރުކާރުގެ އެހީގެ ދަށުން ޢިމާރާތްކުރާ 7 މިސްކިތެއްގެ މަސައްކަތްވެސް މިހާރު ކުރިއަށްދާކަމަށްވެސް ރައީސް ވިދާޅުވިއެވެ. ހަމައެޔާއެކު، ސަޢޫދީ ރަސްގެފާނު ޢިމާރާތްކޮށްދެއްވާ 10 މިސްކިތެއްގެ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވުމުގެ މަސައްކަތް މިހާރު ކުރައްވަމުންދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.