ޚަބަރު

ބަންދުގައި ތިބޭ މީހުންގެ ލޯޔަރުންނަށް، އީމެއިލް މެދުވެރިކޮށް ވެވޭނެގޮތް ހަދައިފި


ފުލުހުންގެ ބަންދުގައި ތިބޭ މީހުންގެ ޤާނޫނީ ވަކީލުކަމަށް އައްޔަނުވުމަށް އެދި އީމެއިލް މެދުވެރިކޮށް ހުށަހެޅޭގޮތަށް ހަމަޖައްސައިފިއެވެ.

ފުލުހުންގެ ވެބްސައިޓުގައި ހާމަކޮށްފައިވަނީ، ފުލުހުންގެ ބަންދެއްގައި ހުންނަ 18 އަހަރުން މަތީގެ މީހެއްގެ ޤާނޫނީ ވަކީލުކަމަށް ވުމަށްޓަކައި "ޤާނޫނީ ވަކީލަކަށް ޢައްޔަނުވުމަށް އެދޭ ފޯމް" ފުރުމަށްފަހު ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓަށް ހުށަހެޅުމުން، އެފޯމްގައި ބަޔާންކޮށްފައިވާ ޤާނޫނީ ވަކީލަކީ ބަންދުގައި ހުންނަ މީހާ ޤަބޫލުކުރާ ވަކީލެއްނަމަ އެ ޤާނޫނީ ވަކީލަކު، ބަންދުގައި ހުންނަ 18 އަހަރުން މަތީގެ މީހާގެ ޤާނޫނީ ވަކީލަކަށް ޢައްޔަނުކޮށްދެވޭނެ ކަމަށެވެ.

ޤާނޫނީ ވަކީލަކަށް ޢައްޔަނުވުމަށް އެދި ހުށަހަޅާ ވަކީލަކީ ބަންދުގައިވާ މީހާގެ ޢާއިލާގެ ފަރާތުން ނުވަތަ ކުންފުންޏެއްގެ ފަރާތުން އިޚްތިޔާރުކޮށްފައިވާ ޤާނޫނީ ވަކީލެއްނަމަ އެވަކީލަކު ފޮނުވި ފަރާތުގެ ސިޓީއެއް ފޯމާއެކު ހުށަހަޅަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން އާޢިލާއިން ފޮނުވާ ޤާނޫނީ ވަކީލެއްނަމަ އެވަކީލަކު ފޮނުވީ ބަންދުގައިހުރި މީހާގެ އާއިލާގެ ކޮންފަރާތަކުންކަން އަންގައިދޭ ފޮޓޯޖެހި ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަންޖެހޭނެ ކަމަށްވެސް ފުލުހުން ބުނެއެވެ. ނަމަވެސް އަމިއްލަގޮތުން ވަކީލަކަށް އެދި ޢައްޔަނުވާން ހުށަހަޅާއިރު އެއްވެސް ފަރާތެއްގެ ސިޓީއެއް ހުށަހަޅަން ނުޖެހޭނެ ކަމަށްވެސް ފުލުހުން ބުނެއެވެ.

ބަންދުގައި ހުންނަ މީހާގެ ޤާނޫނީ ވަކީލުކަމަށް އެދި "ޤާނޫނީ ވަކީލަކަށް ޢައްޔަނުވުމަށް އެދޭ ފޯމް" ފުރުއްވުމަށްފަހު މެއިލް ކުރައްވާނީ އެ ޤާނޫނީ ވަކީލެއްގެ އަމިއްލަ އީމެއިލް އެޑްރެހަކުންނެވެ. އަދި ލޯ ފާމެއް ނަމަ އެ ލޯ ފާމެއްގެ ރަސްމީ މެއިލް އެޑްރެހުންނެވެ. މިގޮތަށް ޢަމަލުކުރަން ފެށުމުން ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓަށް ހާޒިރުނުވެ، ކޮންމެތާކުހުންނަވައިގެންވެސް އީމެއިލްގެ ޒަރީއާއިންވެސް ފޯމް ހުށަހެޅުމުގައި ލުއި ފަސޭހަވެގެންދާނެއެވެ.

މީގެ އިތުރުން "ބަންދުގައިވާ މީހާއަށް ޒިޔާރަތްކުރުމަށް އެދޭ ފޯމް" ވެސް މިއަދުން ފެށިގެން އީމެއިލްގެ ޒަރީޢާއިން ހުށަހެޅޭނެ ކަމަށްވެސް ފުލުހުން ބުނެއެވެ.