ސިޔާސީ

ރިޔާސީ ބަޔާނުގައި ހުރި ގިނަ ކަންކަމަށް ލޭބަރ ޕާޓީން ތާޢީދުކޮށްފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ހުށަހެޅުއްވި ރިޔާސީ ބަޔާނުގައި އެޕާޓީގެ އުސޫލުތަކާ ސިޔާސަތުތަކާ ގުޅުންހުރި މުހިންމު ކަންތައްތަކެއް ހުރިކަން ފާހަގަކޮށް މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީން އެކަންކަމަށް ތާޢީދުކޮށްފިއެވެ.

ލޭބަރ ޕާޓީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ މިއަދު ރައީސް ޞާލިޙު އިއްވެވި ރިޔާސީ ބަޔާނުގައި އާމްދަނީން ޓެކްސް ނަގަން ނިންމައި، އަންނަ އަހަރުން ފެށިގެން ވަކި މިންވަރަކަށްވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުގެ ޢާމްދަނީން ޓެކްސް ނަގަން ނިންމި ނިންމުމަށް މަރުޙަބާ ކިޔާ ކަމަށެވެ.

މި ސިޔާސަތު ތަންފީޒުކުރުމުގައި އާމްދަނީ އިތުރުވާ މިންވަރުން ޓެކްސްގެ ނިސްބަތް މަތިވާ (ޕްރޮގްރެސިވް އިންކަމް ޓެކްސް) ތަޢާރަފްކުރުމަށާއި، އާމްދަނީ ރިޕޯޓުކުރުމުގެ ނިޒާމު ހަރުދަނާކޮށް، "ގޮތްނޭނގޭ" އާމްދަނީ ހާމަކުރުން މަޖުބޫރުކުރުމުގެ ބާރު ތަޙުޤީގީ އަދި ޝަރުޢީ އިދާރާތަކަށް ދިނުމަކީ ޓެކްސްގެ ނިޒާމު އިންސާފުވެރިކޮށް، ކޮރަޕްޝަނާއި ނާޖާއިޒު ފައިދާ ހޯދުން ހުއްޓުވުމަށް ކޮންމެހެން ލާޒިމު ކަމެއްކަމަށް ލޭބަރ ޕާޓީން ބުނެއެވެ.

އެންމެ ދަށުން ލިބޭ އާމްދަނީ (މިނިމަމް ވޭޖް) ކަނޑައެޅުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތަށް މަރުޙަބާ ކިޔާ، ވަކިވަކި ސެކްޓާރތަކަށް ކަނޑައަޅާފައިވާ މިނިމަމް ވޭޖު ނިންމުމުގައި އިންޑަސްޓްރީތަކުގެ މަސައްކަތްކުރާ ފަރާތްތަކާއި، މަސައްކަތްތެރިންގެ ޖަމްޢިއްޔާތަކާ އިތުރަށް މަޝްވަރާކުރުމަކީ މުހިންމުކަން އެޕާޓީން ފާހަގަކުރެއެވެ.

ޢަދުލު އިންސާފުގެ ނިޒާމް ހަރުދަނާކުރުމާއި، ހިޔާވަހިކަމުގެ މަޝްރޫއުތަކާމެދު ރައީސްގެ ބަޔާނުގައި ދެއްވާފައިވާ ޔަޤީންކަމަށްވެސް ލެބަރ ޕާޓީން ވަނީ މަރުހަބާ ކިޔާފައެވެ. އަދި އެކަންކަން ތަންފީޒުކުރުމުގައި ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށްވެސް ލޭބަރ ޕާޓީން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެއެވެ.