ޚަބަރު

ކުޅުދުއްފުއްޓަށް ލޯކަލް ޓޫރިޒަމް ތަޢާރަފް ކުރަނީ


ހދ. ކުޅުދުއްފުށީގައި ލޯކަލް ޓޫރިޒަމް ތައާރަފްކޮށް އެކަން ކުރިއެރުވުމަށް މަސައްކަތް ކުރަމުންދާކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ޢަބުދުއްލަތީފް ޙަސަން ވިދާޅުވީ ކުޅުދުއްފުށީގައި ލޯކަލް ޓޫރިޒަމް ތައާރަފުކޮށް ގެސްޓް ހައުސް ވިޔަފާރި ފުޅާކުރުމަކީ ކައުންސިލްގެ އަމާޒެއް ކަމަށެވެ. ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ވިދާޅުވީ ކުޅުދުއްފުށީ އެއަރޕޯޓްގެ މަސައްކަތް ނިމި ކޮމާޝަލް ދަތުރުތައް ފެށުމުން އެރަށަށް ފަތުރުވެރިން ގެންނަން ފަސޭހަ ވާނެކަމަށެވެ. އަދި ކުޅުދުއްފުއްޓަކީ މުއްސަނދި ސަޤާފަތެއް އޮތް ރަށަކަށްވުމުން، ލޯކަލް ޓޫރިޒަމް ތައާރަފްކުރެވިއްޖެނަމަ އެދާއިރާ އިތުރަށް ފުޅާވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

"
"ކުޅުދުއްފުށި އެއަރޕޯޓްގެ ހިދުމަތް ލިބެން ފެށުމުން ކުޅުދުއްފުއްޓަށް ގެސްޓުން ގެނައުމަށް ވަރަށްބޮޑު ފަސޭހައަކަށް ވެގެންދާނެ. އަދި ޚާއްޞަކޮށް ކުޅުދުއްފުށީގައި ތަފާތު އެކި މަސައްކަތްތައް ކުރެވެމުން އެބަދޭ. އަތްތެރި މަސައްކަތާ ކުޅުދުއްފުށީގައި ޒަމާނުންސުރެ ކުރެވެމުން އަންނަ ތަފާތު އިޤްތިޞާދީ މަސައްކަތްތައް ކުރެވެމުންދޭ. އެހެންވީމަ ކުޅުދުއްފުއްޓަކީ ސަޤާފީ ގޮތުން މުއްސަނދި ރަށެއް. ސަޤާފީގޮތުން ދެއްކޭނެ ވަރަށް ގިނަ ކަންތައްތަށް އެބަހުރި ކުޅުދުއްފުށީގަ. މިކަންތައްތައް ގެސްޓުންނަށް ދެއްކޭނެ މަގުފަހި ކުރުމާ. ކުޅުދުއްފުށީގައި ސިޓީ ހޮޓަލެއް ގާއިމް ކުރުމާއެކު މިސަހައްދުގައި ހުރި ހިމާޔަތްކޮށްފަހުރި ތަންތަން މިސާލަކަށް ކޭލަކުނު ކަހަލަ ތަންތަން ބަލާލުމަށް ދިއުމަށް މަޑުކޮށްލާ ފުރަތަމަ މަންޒިލަކީ ކުޅުދުއްފުއްޓަށް ވެގެންދާނެ."
ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ޢަބްދުއްލަތީފް ޙަސަން

ކުޅުދުއްފުއްޓަށް ލޯކަލް ޓޫރިޒަމް ތައާރަފްކުރުމަށް ކުރަންޖެހޭ ކަންކަން ސަރުކާރުގެ ތެރެއިން ހަމަޖެހުމާއެކު ގެސްޓް ހައުސް ވިޔަފާރިއަށް ޚާއްޞަ ބިންތަކެއް އެރަށުން ދޫކުރުމަށް ނިންމާފައިވާކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެއެވެ. މިކަމާގުޅޭގޮތުން ކުޅުދުއްފުށީ ކައުންސިލުން ވަނީ ޕްލޭނިންގ މިނިސްޓަރު މުޙައްމަދު އަސްލަމާވެސް ބައްދަލުކުރައްވާފައެވެ.

ދާދިފަހުން ބޭއްވި ގެސްޓްހައުސް މަހާސިންތާގައި ކުޅުދުއްފުށީ ކައުންސިލުގެ ފަރާތުން ވަނީ ޓޫރިޒަމް މިނިސްޓަރަށް މުހިންމު 3 ކަމެއް ހުށަހަޅާފަ އެވެ. އެއީ ހދ. އަތޮޅުގައި ފަތުރުވެރިކަން ފުޅާކޮށް އިތުރު ރިސޯޓްތައް ވީހާވެސް އަވަހަކަށް އޮޕަރޭޝަނަށް ގެނައުމާއި، ހަނިމާދޫއަށް ދަތުރުކުރާ ފްލައިޓްތަކުގެ ޓިކެޓް އަގުހެޔޮކޮށްދިނުމުގެ އިތުރުން ކުޅުދުއްފުށީގައި ލޯކަލް ޓޫރިޒަމް ފަށައިދިނުމެވެ.