ޚަބަރު

82 ރަށެއްގައި އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދަން ފަށާނަން - ރައީސުލްޖުމްހޫރިއްޔާ


މިއަހަރުގެ ތެރޭގައި ރާއްޖޭގެ 82 ރަށުގައި އަވިން ކަރަންޓު އުފައްދާ ނިޒާމު ޤާއިމުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވެވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ ކަރަންޓު އުފެއްދުމަށް ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް އިޔާދަކުރަނިވި ޙަކަތައިން ކަރަންޓު އުފެއްދުމުގެ ބޮޑު މަޝްރޫއެއް ރާއްޖޭގެ 82 ރަށެއްގައި މިއަހަރު އަލަށް ފައްޓަވާނެކަމަށެވެ. އަދި މިނިޒާމުތައް ރަށްރަށުގައި ޤާއިމުކޮށް ނިމޭއިރު މިހާރާ އަޅާ ބަލާއިރު އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދޭ މިންވަރު ދެގުނަ އިތުރުވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

"
"ކަރަންޓު އުފެއްދުމަށްޓަކައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ޢިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުން އިތުރުކުރުމުގެ ގޮތުން، މިއަހަރުގެ ތެރޭގައި 82 ރަށެއްގައި، އަވިން ހަކަތަ އުފައްދާ ނިޒާމު ޤާއިމު ކުރެވޭނެ."
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދު ބިނާވެފައިވަނީ ތިމާވެށީގެ ރައްކާތެރިކަމުގެ މައްޗަށްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިއަހަރުގެ ތެރޭގައި އުފައްދާ ގްރީން ފަންޑަށް، ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބޭ ޢާމްދަނީ، ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ތިމާވެށި ޙިމާޔަތް ކުރުމަށާއި ސާފު ބޯފެން ފޯރުކޮށްދިނުމަށާއި ރައްކާތެރިގޮތުގައި ކުނި ނައްތާލުމަށް ކުރެވޭ މަސައްކަތްތަކަށްކަމަށެވެ. އަދި ދެމެހެއްޓެނިވި ވެއްޓެއް ރާއްޖޭގައި ޤާއިމުކުރެވޭނީ ޤުދުރަތީ ވަޞީލަތްތައް އޭގެ އަސްލު ނުގެއްލޭގޮތަށް ބެލެހެއްޓިގެންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރު ކުރުމުގެ މަސައްކަތް ސަރުކާރުން ފަށްޓަވާފައިވާއިރު، ސަރުކާރުން އަމާޒު ހިފާފައިވަނީ މިއަހަރު ނިމުގެ ކުރިން އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ ނިސްބަތް 8 އިންސައްތައަށް އިތުރުކުރުމަށެވެ. އަދި މި މަސައްކަތުގެ ދަށުން އިމާރާތްތަކުގައި ބޭނުންކުރާ ކަރަންޓުގެ ނިސްބަތް މަދުކުރުމަށް ގައިޑްލައިނެއް އެކުލަވާލުމުގެ މަސައްކަތްވެސް ސަރުކާރުން ވަނީ ފަށްޓަވާފައެވެ.