ޚަބަރު

ރާއްޖޭގެ ތަރިކައަށް ޤާނޫނީ ރައްކާތެރިކަން ހޯދައިދޭނަން - ރައީސް


ރާއްޖޭގެ ތަރިކައަށް ޤާނޫނުނީ ރައްކާތެރިކަން ހޯދައިދިނުމަށްޓަކައި އެކަމާ ގުޅޭ ބިލެއް މިއަހަރުގެ ތެރޭގައި މަޖިލީހަށް ހުށަހަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ޖަލްސާތައް ފެށުމުގެ ގޮތުން ދެއްވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެއަކީ މުއްސަނދި ތަރިކައަކާއި، ޒަމާންވީ ސަޤާފަތެއް އޮތް ޤައުމެއްކަމަށެވެ. އެގޮތުން ރާއްޖޭގެ ތަރިކައަށް ޤާނޫނީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި އެކަމާބެހޭ ބިލެއް މަޖިލީހަށް ހުށަހަޅުއްވާނެކަމަށާއި، ތަރިކައިގެ ގޮތުގައި ބެލެވޭ ދުވަސްވީ ބިނާތަކާއި، އާސާރު އެކުލެވޭ ތަންތަން ބެލެހެއްޓުން ކައުންސިލްތައް މެދުވެރިކޮށް ހަރުދަނާ ކުރާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ރާއްޖޭގެ ސަޤާފީ ތަރިކައަށް ޤާނޫނުގެ ރައްކާތެރިކަން ހޯދައިދިނުމަށްޓަކައި، އެކަމާ ގުޅޭ ބިލް، މިއަހަރުގެ ތެރޭގައި މި ޢިއްޒަތްތެރި މަޖިލީހަށް ފޮނުވުމަށް އަޅުގަނޑު ޤަޞްދުކުރަން. ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން، ސަގާފީ ތަރިކަ ޑޮކިއުމެންޓް ކުރުމުގެ މަސައްކަތްވެސް، އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި ފެށިގެންދާނެ." ރައީސް ޞާލިޙް ވިދާޅުވިއެވެ.

ސަރުކާރުން ރާއްޖޭގެ ތަރިކަ ރައްކާތެރިކުރުމަށް ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާއިރު މިހާރުވެސް ރާއްޖޭގައި ހިރިގަލުން ބިނާކޮށްފައިވާ 6 މިސްކިތެއް ޔުނެސްކޯއިން އެކުލަވާލާފައިވާ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓްގައި ވަނީ ހިމަނާފައެވެ. އަދި ދާދިފަހުން ރާއްޖޭގެ ތާރީޚްގައި ފުރަތަމަފަހަރަށް އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން މާލޭ ހުކުރު މިސްކިތުގެ ލޭޒަރ ސްކޭނެއްވެސް ވަނީ ހަދާފައެވެ.